ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.
މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުނެގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަ ބައެއް ކަމަށެވެ.
ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.
މިމައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.