އިންޑިއާ ފަސްޓް ޕޮލިސީ އޮންނަންޖެހޭ: މަވޯޓާ ޝަރީފް

އިންޑިއާއަކީ ރާއްޖެއާ އަވައްޓެރި ވަރުގަދަ ގައުމަކަށް ވާތީ ހާރިޖީ ސިޔާސަތުގައި އިންޑިއާ ފަސްޓް ޕޮލިސީ އޮންނަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ހާރިޖީ ގުޅުންތަކާ ބެހޭ ބިލާ ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް އޮތުމަކީ ގާނޫނުގެ ޒަރީއާއިން ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެގޮތުން އިންޑިއާ ފަސްޓު ޕޮލިސީ ސަރުކާރުން ގެންގުޅޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އިންޑިއާއަކީ ސަރަހައްދީގޮތުން ރާއްޖެއާ އެެންމެ ކައިރީގައި އޮންނަ އެންމެ ބާރުގަދަ ދައުލަތަށް ވާތީ އިންޑިއާ ފަސްޓު ޕޮލިސީ ގެންގުޅެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ކަންބޮޑުވަނީ އިންޑިއާ ފަސްޓް ޕޮލިސީގެ ވާހަކަ އޮންނާތީ. އަޅުގަނޑުމެންގެ ސަރުކާރުން ގެންގުޅޭ. އެއީ ގެންގުޅެންޖެހޭ ޕޮލިސީއެއް. ސަބަބު ދަންނަވާލާނަން. އެއީ އަޅުގަނޑުމެންނަށް ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެ އޮތްތަން މާ ދުރަކަށް ގެންދެވޭކަށެއް ނެތް، އެއީ ފިޒިކަލީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް އެންމެ ކައިރީ އޮތް ބޮޑު ބާރުގަދަ ދައުލަތަކަށް ވާތީ އެ ދައުލަތާ ގާތް ގުޅުމެއް ބޭއްވުމަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާ އަދި އެ ނޫން ހުރިހާ ގޮތްގޮތުންވެސް މުހިންމު ކަމެއް. އެއީ ކުރަންޖެހޭ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އެހެންނަމަވެސް އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުމުގެ މަނާއަކީ ރާއްޖެ އެހެން ގައުމުތަކާއެކު ގާތް އެކުވެރި ގުޅުމެއް ނުބޭއްވުން ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޗައިނާއާ އެކުވެސް ޔޫއެންއާ އެކުވެސް ކޮމަން ވެލްތާ އެކުވެސް ކެނެޑާއާ އެކުވެސް އަދި ޔުނައިޓެޑް ސްޓޭޓް އެމެރިކާއާ އެކުވެސް، ހަމަ އެކުވެރި ރަހުމަތްތެރި ގުޅުން ބާއްވަން ވާނެ،" ޝަރީފް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކާއި، ރާއްޖެއާ ރަހުމަތްތެރިކަން ބާއްވައިގެން އެހީތެރިކަން ދޭން ބޭނުން ކޮންމެ ބަޔަކާއެކު އެ ގުޅުން ބާއްވަންޖެހޭކަން ޝަރީފް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު މިއަދާ ހަމައަށް ރައްކާތެރިކޮށް އޮތީ އަޅުގަނޑުމެންގެ ކާބަފައިން އަދި މީގެ ކުރީ ސަރުކާރުތަކުންވެސް ބޭއްވި ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ހުރިހާ ބޭފުޅުންވެސް އެ ހާރިޖީ ސިޔާސަތު ވަކި ފަރާތަކަށް ބުރަ ނުވެ ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނެތް ބާރުގަދަ ދައުލަތްތަކާ ދިމާއަށް އިނގިލި ދިއްކޮށްގެން މިކަން ވާކަށެއް. އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެން ބޭނުންވާ ވިޔަފާރިއާ ތަރައްގީއާ ކުރިއެރުން ހޯދޭކަށެއް އެއްވެސް ގައުމަކާ ދުޝްމަން ވެގެންނެއް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ފޮރިން ޕޮލިސީއަކީ ނުވަތަ ހާރިޖީ ސިޔާސަތަކީ ހަގީގަތުގަވެސް ހުރިހާ ގައުމަކާ ވީހާވެސް ގާތް ގުޅުމެއް ބޭއްވުން،" ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ވަކިން ހާއްސަކޮށް އަވައްޓެރި ގައުމުތަކާއެކު ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ މިހާރުގެ ސަރުކާރުން ހުރިހާ ކަމެއްގައިވެސް އިންޑިއާ މާބޮޑަށް ގާތްކޮށް، އިންޑިއާއަށް އިސްކަންދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް