ނަޝީދަށް އިދިކޮޅުގެ ރައްދު: ސިޔާސީ މަންފާއަށް، އަސާސެއް ނެތި މީހުން ހައްޔަރުކޮށްގެން ނުވާނެ

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

ސިޔާސީ ބޭނުމަށް އެއްވެސް އަސާސެއް ނެތި, ގާނޫނާ ހިލާފަށް މީހުން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނެ, ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރައްދު ދީފި އެވެ.

އެމްޑީޕީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީގެ "ކްލަބްހައުސް" ހަރުގެ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ, ރައީސް ނަޝީދުގެ އެ ވާހަކަތަތަކީ އެ ކޯލިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ. އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތް ގާނޫނުއަސީސީ އާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ބަޔާނުގައި ބުންޏެވެ.

"ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ, އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެކެމެވެ." ޕީޕިއެމް އަދި ޕީއެންސީގެ ލެޓާ ހެޑްގައި ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ, ޓެރަރިޒަމް ހުއްޓުވުމަށްކައި ގާނޫނީ އިމުގެ ތެރެއިން މަސަައްކަތް ކުރުމަކީ އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ހަމަ ކަމަށެވެ. އެގޮތުން އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓެރަރިޒަމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަން އެ ބަޔާނުގައި ފާހަގަކުރި އެެވެ. ނަމަވެސް އެއްވެސް މީހަކު ގަނޫނުއަސާސީއާ ހިލާފަށް ހައްޔަރު ކުރުމަކީ އެޕާޓީން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ބަޔާނުގައި ތަކުރާރުކޮށް ބުންޏެވެ.

"އެއްވެސް މީހަކު ހައްޔަރުކުރަން ވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ އިތުރު ހެކިތައް ހުރެގެންނެވެ. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެން," ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ގާނޫނުއަސާސީ އާއި ގާނުނުތަކުގެ ތެރެއިން ކަންކަން ކުރުމަށް ސަރުކާރަށްވެސް އެ ބަޔާނުގައި އިލްތިމާސްކުރި އެވެ.

މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާއަށްފަހު, ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަ ދެއްކެވީ ވެސް ޓެރަރިޒަމްގެ މައްސަލަތަކާ މެދު އެވެ. އެމަނިކުފާނު ވިދާޅުވީ,"ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ" ކަަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖެއޭ ބުނުން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ،" އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި ކަލަބްހައުސް ހަރުގޭގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ޖާނުން ފިދާ ވެގެން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދަޅުވެ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސެއްވެސް ރައީސް ނަޝީދު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ،"އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް