ބޮގޮޓާ (ޖޫން 26): ކޮލޮމްބިއާގެ ރައީސް އިވަން ޑޫކޭ އިއްޔެ ދަތުރު ކުރައްވަމުން ގެންދެވި ހެލިކަޕްޓަރަކަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
ޑޫކޭގެ ހެލިކަޕްޓަރަށް ހަމަލާ ދިނީ އޭނާ ކޮލޮމްބިއާގެ ނޯތު ސަންތަންދާ ޕްރޮވިންސަށް، އެ ޕްރޮވިންސުގެ ގަވަރުނަރާއި ގައުމުގެ ޑިފެންސް އަދި އިންޓީރިއާ މިނިސްޓަރާއެކު ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. އެ ހަމަލާގައި ހެލިކަޕްޓަރަށް ވަޒަން އެރި ނަމަވެސް، މީހަކަށް ގެއްލުން ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ޑޫކޭ ވަނީ އެއީ "ފިނޑި ހަމަލާއެއް"ގެ ގޮތުގައި ސިފަ ކުރައްވާ، ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ބިރު ނުގަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދަން ސަލާމަތީ ފައުޖުތަކަށް އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮލޮމްބިއާގެ ރައީސްގެ ހެލިކަޕްޓަރަށް ވަޒަން އަރާފައި -- ފޮޓޯ: ޕްރެޒިޑެންސީ އޮފް ކޮލޮމްބިއާ
"އެއީ ފިނޑި ހަމަލާއެއް، [އެހަމަލާގެ] ވަޒަން ހެލިކަޕްޓަރަށް އަރާފައިވާ ތަންތަން ފެންނަން އެބަހުރި. އަޅުގަނޑުމެން އަނެއްކާވެސް ބުނަން، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ޓެރަރިޒަމާއި ރާވައިގެން ހިންގާ ކުށާ ދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނަން،" ޑޫކޭ ވިދާޅުވި އެވެ.
ޑޫކޭ ދަތުރު ކުރައްވަމުން ގެންދެވި ސަރަހައްދަކީ ކޮލޮމްބިއާ އާއި ޔޫރަޕިއަން ޔޫނިއަންއިންވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނެޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން) އާއި މަސްތުވާތަކެތި ޓްރެފިކް ކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރަކާތްތެރިވާ ސަރަހައްދެކެވެ.