ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުން ކޮލޮމްބިއާ ޖާގަހޯދައިފި

ކޮލޮމްބިއާއިން އަންނަނީ މިފަހަރުގެ ކޮޕާ އެމެރިކާގައި މޮޅު ކުޅުމެއް ދައްކަމުން / ފޮޓޯ: އޭޕީ ނިއުސް

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ކޮލޮމްބިއާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން ކޮލޮމްބިއާ ޖާގަހޯދީ ގްރޫޕް ޑީގައި ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ކޮސްޓާރީކާއާ ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކޮލޮމްބިއާއިންނެވެ.

އެރިޒޯނާގެ ޔުނިވާސިޓީ އޮފް ފީނިކްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ކޮސްޓަރީކާއަށް ވަނީ އެޓީމުން ފުރަތަމަ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ދެއްކި ކުޅުން ދެއްކޭގޮތް ނުވެފައެވެ. މިގޮތުން މިމެޗުގައި ކޮލޮމްބިއާ ފެނުނީ ކޮސްޓަރީކާއަށް ވުރެ ވަރުގަދަ ކޮށެވެ.

މިމެޗުގައި ކޮލޮމްބިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ ކޮލޮމްބިއާއަށް މިމެޗުގެ ލީޑު ނަގައިދިނީ ލުއިސް ޑިއާޒްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ކޮލޮމްބިއާއަށް ލިބުނެވެ.

މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑާ ޑަވިންސަން ސަންޗޭޒްއެެވެ. އަދި ފަހު ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިިދިނީ ޖޯން ކޯޑޯބާއެވެ. މިމެޗުގައި ކޮސްޓަރީކާއަށް ކޮލޮމްބިއާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ކޮލޮމްބިއާއަށް މިހާރުވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެފައެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ މަގާމު ކަށަވަރު ކުރުމަށްޓަކައި ފަހު މެޗުގައި ބްރެޒިލްއާ އެކު ކުޅެ ބަލިނުވެ ފަރުޖައްސަން ޖެހޭނެއެވެ. އެމެޗުން ބަލިވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ލިބޭނީ ބްރެޒިލްއަށެވެ.

ކޮލޮމްބިއާ މިހާރު އުޅެނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕް ޑީގެ އެއްވަނައިގައެވެ. އަދި ކޮސްޓަރީކާ އުޅެނީ ފުރަތަމަ މެޗުން ލިބުނު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

comment ކޮމެންޓް