ވޮޝިންޓަން (8 ޖަނަވަރީ 2026) : ކޮލަންބިއާއަކީ ބަލިކަށިވެފައިވާ ގައުމެއްކަމާއި ކޮލަންބިއާގެ ރައީސް ގޮސްޓާވޯ ޕެޓްރޯ އަކީ ބަލިމީހެއްކަމަށް ވިދާޅުވެ އޭނާގެ ވެރިކަން ވައްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިތާ ދެ ދުވަސް ފަހުން ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވުމަށް ޓްރަމްޕް ޕެޓްރޯއަށް ދައުވަތު ދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ ކޮލަންބިއާގެ ރައީސް ޕެޓްރޯ އާއި އޭނާ އިއްޔެ ފޯނުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މި މަޝްވަރާތަކުގެ އަލީގައި އިތުރު މަޝްވަރާ ކުރުމަށް ވައިޓް ހައުސްއަށް ވިއެންމެ އަވަހަކަށް ވަޑައިގަތުމަށް ޕެޓްރޯއަށް ދައުވަތު އަރުވާފައިވާނެ ކަމުގައެވެ.
ޓްރަމްޕް، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ކޮލަންބިއާ ގައި ހިނގަމުންދާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެ ވިޔަފާރީގައި ޝާމިލްވާ ކާޓެލްތަކާމެދު އަޅާނެ ފިޔަވަޅުތަކާބެހޭގޮތުން އޭނާއާއި ޕެޓްރޯ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމުގައެވެ.
މި މައްސަލާގައި ޕެޓްރޯގެ ވިސްނުންހުރީ ވަރަށް ރަނގަޅަށް ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް ޕެޓްރޯ އާ ބައްދަލުކުރަން ބޭނުންވާކަން އޭނާއަށް ދަންނަވާފައިވާނެ ކަމުގައެވެ.
މި ބައްދަލުކުރެއްވުން އިންތިޒާމު ކުރުމަށްޓަކައި ކޮލަންބިއާގެ ޚާރިޖީ ވަޒީރު އާ ކޯޑިނޭޓް ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އަށް އަންގާފައިވާނެކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕަކީ އޭނާއާ ބައްދަލުކުރައްވާ ދުނިޔޭގެ ބައެއް ލީޑަރުން ލަދުގަންނަވާލައި ނިކަމެތިކޮށްލުމުގެ ބޮޑާކަމުގެ ސިޔާސަތެއް ގެންގުޅުއްވާ ހަރުކަށި ބޭފުޅެކެވެ.
އެހެންކަމުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން ޓްރަމްޕް އާ ބައްދަލުކުރަން ފަސްޖެހެއެވެ. މިސްރުގެ ރައީސް އަބްދުލްފައްތާހުއްސީސީ ވަނީ ޓްރަމް ދައުވަތު ދެއްވިނަމަވެސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ފަސްޖެހިވަޑައިގެންފައެވެ.
އެއީ ޓްރަމްޕް، މިދިޔަ އަހަރުގެ ކުރީކޮޅު އުރުދުންގެ ރަސްގެފާނު އަބްދުﷲ އާ ބައްދަލުކުރައްވައި އަބްދުﷲ ލަދުގަންނަވާލައި, ސީސީ އާމެދު އެގޮތަށް އަމަލުކޮށްފާނެކަމުގެ ބިރަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެކުރިން ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީވެސް ވައިޓް ހައުސްއަށް ގެންދަވައި އޭނާ ލަދުގަންނަވާލާފައެވެ.
ޓްރަމްޕް އާންމުކޮށް އިހުތިރާމް ކުރައްވަނީ އެމެރިކާއަށް އެ ގައުމެއްގެ ފަރާތުން މާލީ ނުވަތަ މާއްދީ ނުވަތަ ޖިއޮޕޮލިޓިކަލް ފައިދާ އެއް ލިބޭ ގައުމުތަކުގެ ލީޑަރުންނަށެވެ.
މީގެ ތެރޭގައި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ ލީޑަރުން ހިމެނެއެވެ. ގަލްފުގެ ބައެއް ލީޑަރުން ވަނީ ޓްރަމްޕަށް ރިޔާސީ ޖެޓާއި އެމެރިކާގައި އެތައް ސަތޭކަ ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރާނެކަމުގެ ގެރެންޓީތައް ދެއްވާފައެވެ.
ކޮލަންބިއާ ސަރުކާރު ބުނާގޮތުން ޓްރަމްޕް ވަނީ އެ ގައުމުގެ ރައީސް ގޮސްޓާވޯ ޕެޓްރޯ އާއެކު 20 މިނެޓުގެ ފޯނު މަޝްވަރާތަކެއް ކުރިޔަށް ގެންދަވާފައެވެ. އަދި އެމެރިކާއާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފެށުމަށްވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޕެޓްރޯ ޓްރަމްޕަށް ދަންނަވާފައިވަނީ ހަނގުރާމައާއި ތަޅާފޮޅުން ނުއުފެދޭގޮތަށް ދެ ގައުމުގެ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވުމަށެވެ.
މަޝްވަރާތައް ހުއްޓިއްޖެނަމަ ދެންދާނީ ތަޅާފޮޅުމާ ދިމާއަށްކަމާއި އެއީ ކޮލަންބިއާ އެދޭގޮތް ނޫންކަން ވެސް ޓްރަމްޕަށް ވަނީ ދަންނަވާފައެވެ.
މީގެ ދެ ދުވަސް ކުރިން ޓްރަމްޕް ވަނީ ވެނެޒުއެލާގައި އެމެރިކާ ކުރިޔަށް ގެންދިޔަ ފަދަ ކާމިޔާބު އޮޕަރޭޝަނެއް ކޮލަންބިއާގައި ވެސް ކުރިޔަށްގެންދެވިދާނެ ކަމަށް ވިދާޅުވެ ޕެޓްރޯގެ ވެރިކަން ވައްޓާލަން ޖެހިދާނެކަމުގެ ނުސީދާ އިންޒާރު ދެއްވާފައެވެ. އެމެރިކާ ވަނީ ގޮންމުށުގެބާރު ބޭނުންކޮށްގެން ވެނެޒުއެލާއަށް އަރައިގަނެ އެ ގައުމުގެ އެތައް ބަޔަކު މަރާލުމަށްފަހު ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގާފައެވެ.