މިދިޔަ މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ދުވެލި މަޑުވެއްޖެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ހަފްތާއަކު އެއްފަހު ސިލްސިލާކޮށް ބާއްވަމުން އަންނަ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގައި މަސައްކަތްކުރައްވާއިރު އެދުވަހަކު އެ ކުރައްވާ މަސައްކަތާ ރާއްޖޭގެ އެދުވަހެއްގެ ހިނގުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށެވެ.
''ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ނެތީމަ އެފަޅުކަން އަޅުގަނޑުމެންނަށް އެބަ އިހުސާސް ކުރެވޭ. މަޑުވެއްޖެ އިނގޭތޯ. ރާއްޖޭގެ ދުވެލި މަޑުވެއްޖެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި،'' ރާއީ ވިދާޅުވި އެވެ.
މެމްބަރު ރާއީ ވިދާޅުވީ ހަމަލާގައި ރައީސް ނަޝީދު ފިޔަވާ ދެން އެންމެ ބޮޑަށް ޒަޚަމް ލިބުނީ އެމްޑީޕީއަށް ކަމަށާއި އެހެންކަމުން އެ ޕާޓީއަށް ޒަޚަމް ލިބުމަކީ ވަރަށް ގިނަ ރައްޔިތުންނަށް ޒަޚަމް ލިބުން ކަމަށެވެ. އަދި މުޅި ރާއްޖެއަށްވެސް އޭގެ ގެއްލުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއީ ވިދާޅުވީ ރައީސް ނަޝީދު ކުރިއަށް އޮތް ޖުލައި މަސް ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމުން އެމްޑީޕީގެ މަސައްކަތްތަކާއި ރައީސް ނަޝީދުގެ މަސައްކަތްތައް ވެސް ކުރިއަށް ވުރެން ބާރަށް، ގެންދެވި، އުޖާލާ މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.
''ރައީސް އާއި ވާހަކަ ދައްކާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. ވިދާޅުވީ ޖުލައި މަސް ތެރޭގައި އިރާދަ ކުރެއްވިއްޔާ އުއްމީދަކީ ރާއްޖެ ދުރުވުމޭ. އެހެންވީމަ އަޅުގަނޑުގެވެސް އުއްމީދަކީ މިފެށޭމަހު ރާއްޖެއިން އިރާދަ ކުުއްވިއްޔާ ރައީސް އާ ބައްދަލުވުން،'' ރާއީ ވިދާޅުވި އެވެ.
ފާއިތުވި މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުން 16 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޖަރުމަންވިލާތަށް ވަޑައިގެންފަ އެވެ.
އެގައުމުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލެއްގަ އެވެ.
އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ބޮން ގޮއްވާލި މީހާ ވެސް ހިމެނެ އެވެ.