ބްރަސަލްސް (ޖޫން 24): ޗައިނާއަށް އަސްކަރީގޮތުން ފިއްތުންތައް ކުރިމަތި ކުރުމަށް ޔޫރަޕްގެ އިއްތިހާދަށް ބާރު އަޅުއްވައި ޖަޕާނުގެ ދިފާއީ ވަޒީރު ނޮބުއޯ ކިޝީ ވާހަކަ ދައްކަވައިފިއެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ އަމަނާއި ދިފާއީ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ ބައްދަލުވުމެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވީ ޗައިނާގެ އިގްތިސާދު ބާރަށް ފުޅާކުރަމުން މުޅި ދުނިޔޭގައި ޗައިނާ އިންވެސްޓް ކުރަމުން ގެންދާއިރު އެއާ އެއްހަމައެއްގައި އަސްކަރީ ބާރާއި ޓެކްނޮލޮޖީގެ ބާރުވެސް ޗައިނާ ގެންދަނީ ވަރުގަދަ ކުރަމުން ކަމަށެވެ.
މިކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕު ކަންބޮޑުވާ ފަދައިން ޖަޕާނުވެސް ޗައިނާއާމެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވީ ޗައިނާއަށް ފިއްތުންތައް ކުރިމަތި ނުކޮށްފިނަމަ އެގައުމުން ލަސްތަކެއްނުވެ ދުނިޔޭގެ އިގްތިސާދީ ކޮންޓްރޯލް ނަގާނެކަމުގައެވެ. އެއަށްފަހު އަސްކަރީ ކޮންޓްރޯލްވެސް ހުޅަނގުގެ އަތްދަށުން ބީވެގެން ހިނގައިދާނެކަމުގެ ނުސީދާ އިންޒާރު ޖަޕާނުގެ ދިފާއީ ވަޒީރު ޔޫރަޕަށް ދެއްވިއެވެ.
ޖަޕާނަކީ އިރުމަތީ އޭޝިއާގެ ގައުމަކަށް ވިޔަސް ޔޫރަޕްގެ ގަދީމީ އިސްތިއުމާރީ ބާރުތައް ފަދައިން އޭޝިއާގެ ގައުމުތައް އިސްތިއުމާރުކުރި ގަދީމީ އިސްތިއުމާރީ ގައުމެކެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގައި އަސްކަރީ ގޮތުން ބަލިވުމަށްފަހު ފިކުރީ އަދި އެހެނިހެން މަސްލަހަތުތަކުގައި ޖަޕާނު ބޮޑަށް ގުޅެނީ އެމެރިކާއާއި ޔޫރަޕުގެ ގަދީމީ އިސްތިއުމާރީ ބާރުތަކުގެ ފިކުރާއި މަސްލަހަތާއެވެ.
ޖަޕާނާ ޚިލާފަށް ޗައިނާއަކީ އެއްދުވަސްވަރެއްގައިވެސް ގައުމުތަކާ ދެކޮޅަށް އިސްތިއުމާރީ ދައުރެއް އަދާކޮށްފައިވާ ގައުމެއް ނޫނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައާއި އޭގެކުރީގައި ޖަޕާނުން އޭޝިއާގައި ހިންގި އިސްތިއުމާރީ ހަރަކާތްތަކުގެ ތެރެއިން ޖަޕާން ސިފައިން ޗައިނާއަށް އަރައި ހިންގި އިސްތިއުމާރީ ޖަރީމާތަކަށް ބަދަލުދިނުމަށް ޗައިނާ އެދެމުންދާތީ ޖަޕާނާއި ޗައިނާގެ ގުޅުންތައް އޮންނަނީ އަބަދުވެސް ގޯސްކޮށެވެ.
ޗައިނާހައި ހިންގި ފަދަ އަމަލުތައް ޖަޕާނުން ކޮރެއާގައިވެސް ހިންގާފައިވާތީ މިހާރުގެ ދެ ކޮރެއާވެސް ގެންދަނީ އެކަމަށް ބޮޑު ބަދަލެއް ދިނުމަށް ޖަޕާނުގެ ކިބައިން އެދެމުންނެވެ. މިކަމާގުޅިގެން ޖަޕާނާއި ދެ ކޮރެއާގެ ގުޅުންތައްވެސް ވަނީ ގޯސްވެފައެވެ. ދުނިޔޭގެ ސުޕަޕަވަރެއްގެ ގޮތުގައި ޗައިނާ ފާޅުވަމުން އަންނާނީ އެކަމާމެދު ކަންބޮޑުވާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ހިމެނެނީ ޔޫރަޕްގެ ގައުމުތަކާއި ޖަޕާނެވެ.
ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވިގޮތުގައި ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ކޮންޓްރޯލް ނެގުމަށް ޗައިނާ މަސައްކަތް ކުރަމުން އަންނައިރު އޭޝިއާގައި ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލެވޭވަރަށް އަސްކަރީ ބާރުވެސް ވަރުގަދަ ކުރަންޖެހޭނެއެވެ. ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވީ އިންޑޯ ޕެސިފިކް ސަރަހައްދާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާ ގުޅުން ހުރި ކަންކަމަށް ޔޫރަޕްގެ އިއްތިހާދުން ދޭ އަހައްމިއްޔަތުކަން އިތުރު ކުރަންޖެހޭ ކަމަށާ ސަލާމަތީ ކަންކަމުގައި އޭޝިއާގެ ގައުމުތަކާއެކު ޔޫރަޕުން ބާއްވާ ގުޅުންތައް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާ އަމިއްލަ މަސްލަހަތު އިސްކޮށްގެން އުޅޭކަމަށް ވިދާޅުވެ ޖަޕާނުގެ ދިފާއީ ވަޒީރު ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޖަޕާނަކީ ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތި ލުމަށްޓަކައި އެމެރިކާ އެކުލަވާލާފައިވާ ކުއެޑް ގްރޫޕްގައި ހިމެނޭ ގައުމެކެވެ. ކުއެޑް ގްރޫޕްގައި ޖަޕާނާއި އެމެރިކާގެ އިތުރުން ހިމެނެނީ އިންޑިއާއާއި އޮސްޓްރޭލިއާއެވެ. މިއީ އެމެރިކާއާއި ޖަޕާނާއި އިންޑިއާގެ މަސްލަހަތަށް މަސައްކަތްކުރާ ގްރޫޕެއްކަމަށް ފެންނާތީ ނިއުޒިލޭންޑާއި ސްރީލަންކާވަނީ މިގްރޫޕްގައި ބައިވެރިވެގެން ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ދެކޮޅު ހަދާފައެވެ.
ކުއެޑް ގްރޫޕަކީ މަދަނީ ގްރޫޕެއްގެ ގޮތުގައި ދައްކަން އެމެރިކާ މަސައްކަތްކުރާ ގްރޫޕެއްނަމަވެސް މިގްރޫޕްގެ ގައުމުތައް އިންޑިއާ ކަނޑުގައި ގުޅިގެން ގެންދަނީ އަސްކަރީ ހަރަކާތްތައްވެސް ހިންގަމުންނެވެ. މީގެތެރޭގައި ގުޅިގެން އަސްކަރީ ތަމްރީންތައް ބޭއްވުންވެސް ހިމެނެއެވެ. ކުއެޑް ގްރޫޕަކީ އޭޝިއާގައި ޗައިނާއާ ދެކޮޅަށް އެމެރިކާ އިސްވެއޮވެގެން އުފައްދާފައިވާ އޭޝިއާގެ ނޭޓޯ ކަމަށް ބައިނަލްއަގްވާމީ މީޑީއާ ތަކުގައި ސިފަކުރެއެވެ.