އެމްބިއުލެންސް ހިދުމަތް ބަލަހައްޓައި މެނޭޖު ކުރުމަކީ ހެލްތު މިނިސްޓްރީއަށް ވާނެ ކަމެއް ނޫން ކަމަށާއި އެއީ މިނިސްޓްރީން ކުރަން ޖެހޭ ކަމެއްވެސް ނޫން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގައި ބޭނުންކުރާ އެމްބިއުލެންސްތަކުގެ މައުލޫމާތު ބެލޭ ގޮތަށް ފައިލް ކޮށްފައިހުރި ނަމަވެސް، ޖުމުލަކޮށް އެމްބިއުލެންސްތައް ބެލެހެއްޓޭނެ އިންތިޒާމު ގާއިމުވެފައި ނުވާ ކަމަށެވެ.
އެގޮތުން އެމްބިއުލެންސްތައް ސާވިސްކުރުން ފަދަ މައުލޫމާތު ބެލޭނެ ގޮތެއް ނެތް ކަމަށާއި ރަށްރަށުގައި ބޭނުންކުރާ އެމްބިއުލެންސް ސާވިސްކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމްބިއުލެންސް ހިދުމަތް ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީން ކުރަން ޖެހޭ ކަމެއްވެސް ނޫން ކަމަށާއި އެކަމަށް ވަކި ހާއްސަ މުއައްސަސާއެއް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ. ހެލްތު މިނިސްޓްރީއަކުން އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށްވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތްކުރަމުން،" ނަސީމް ވިދާޅުވި އެވެ.
އެކަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސީޓީ ކޮވިޑްގެ ރެސްޕޮންސް ނިޒާމް މިހާރު ހަރުދަނާކޮށް, އެމްބިއުލާންސަށް ހާއްސަ މެޑިކަލް އެމަޖެންސީ ހިދުމަތެއް ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެމްބިއުލަންސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަން ފަށާފައިވަނީ އެމްބިއުލެންސް އައުން ލަސްވެ, ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މި މަހު ކުރީކޮޅު އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު މަރުވުމުންނެވެ.