ކޮތަރުތަކަށް ޖެހިފައިވާ ބަލި ދެނެގަނެވިއްޖެ، އިންސާނުންނަށް ނުރައްކަލެއް ނެތް: މިނިސްޓްރީ

ބަލި ޖެހިފައިވާ ކޮތަރެއް: ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ފެތުރެމުންދާ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލް ވާނެ ބައްޔެއް ކަމަށް ބުނެފައި -- ފޮޓޯ/ ދިރޭތަކެއްޗާ ބެހޭ ވުޒާރާ

މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން މަރުވެފައިވާ ކޮތަރު ފެންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިގެން ބެލިބެލުމުން، ކޮތަރުތަކަށް ޖެހިފައިވާ ބަލި ދެނެގަނެވިފައިވާ ކަމަށާއި އެ ބަލީގެ ނުރައްކަލެއް އިންސާނުންނަށް ނެތް ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަަޔާނެއްގައިވަނީ، ކޮތަރުތައް މަރުވާ ސަބަބު ބަލަން މިނިސްޓްރީން ސާމްޕަލް ނަގައި ތަހުލީލު ކޮށްފައި ވާކަމަށެވެ.

އެ ތަހުލީލުތަކުން އެ ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަސް ކޮރައިޒާ ކަމަށް ދެނެގަނެވިފައި ވާކަމަށް ބަޔާނުގައިވެއެވެ. އެ ވުޒާރާއިން ބުނީ އެ ބައްޔަކީ އާންމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ. އަދި ބަލި ދެނެގަނެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި ބަލީގެ އަލާމާތްތަކާއި ނެކްރޯޕްސީ ހޯދުންތަކާއި ލެބޯޓްރީ ޓެސްޓުތަކުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ބަލި ޖެހެނީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ، ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. އެ ބަލީގެ އިތުރަށް ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކެޓީރިއަލް އިންފެކްޝަންތައް ޖެހިފައި ވާކަން ފާހަގަކުރެވުނު ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

"އިންފެކްޝަސް ކޮރައިޒާގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވެެއެވެ." ބަޔާނުގައިވެއެވެ.

އެ ބަލި ޖެހުމުން ކޮތަރުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:

  • ނޭފަތުން ފެން އައުން
  • ކެއްސުން
  • ނޭވާލާން އުނދަގޫވުން
  • ބޮލާއި މޫނު ދުޅަވުން
  • ކެއުންބުއިމަށް އުނދަގޫވުން

އެ ވުޒާރާއިން ބުނީ އެ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލް ވާނެ ބައްޔެއް ކަމަށެވެ.

އެ ބައްޔަކީ އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށާއި އެހެންނަމަވެސް ރައްކާތެރި ގޮތަކީ ކުޑަކުދީން، މަރުވެފައިވާ ކޮތަރު ނުވަތަ ބަލިވެފައިވާ ކޮތަރުތަކާ ކައިރިނުކުރުން ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބޮޑެތި މީހުންވެސް އެތަކެތީގައި އަތްލައި ހިފައި އުޅޭއިރު ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ބަލި ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތައް ފެންނާތީ ސޯޝަލް މީޑިއާގައި ވެސް ގިނަ އަދަދެއްގެ މީހުން ކަންބޮޑުވުން ފާޅުކޮށް، ކޮތަރު މަރުވާ ސަބަބާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައިވެއެވެ.

comment ކޮމެންޓް