ހައެއް މެއި ހަމަލާގެ އިންކުއަރީއަށް މާރިޔާ ހާޒިރުކޮށްފި

މިނިސްޓަރު މާރިޔާ މަޖިލިސް ކޮމިޓީގައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދައަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ކުރިއަށް ގެންދާ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހާޒިރުކޮށްފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ.

އެ ހަމަލާ ރައީސް ނަޝީދަށް އަމާޒުވުމުގެ އެމަނިކުފާނުގެ ސެކުއިރިޓީ ފެއިލްވެ, މިނިސްޓަރު މާރިޔާގެ ޒިންމާ އަދާ ނުކުރާ ކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނެ އެވެ.

މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާވާކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން މާރިޔާއާވެސް މީޑީއާއަށް ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް އެކަން ފުލުހުންނަށް ރިޕޯޓު ނުކުރުމުން އެ ދެ ބޭފުޅުންވެސް ގާނޫނާ ހިލާފުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މާރިޔާ ކޮމިޓީއަށް ހާޒިރު ކުރުމުގެ ކުރިން, މީގެ ކުރިން އެ ކޮމިޓީން ވަނީ އިންކުއަރީއަށް ޑިފެންސް މިނިސްޓްރީގެ އެހެން އިސްވެރިންނާއި ވަކި ވަކި ސިފައިން ހާޒިރުކޮށްފައެވެ.

އިންކުއަރީގައި ބަލާ ކަންތައްތައް:

  • ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.
  • ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
  • ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.
  • ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
  • ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.
comment ކޮމެންޓް