ގާޒީ ސަލާމުގައި ހުންނެވުމުން އީސަގެ ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިއަދަށް ތާވަލު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށަން ތާވަލު ކުރީ މިއަދު 11:00 އަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ހުސައިން ފާއިޒު ރަޝާދު މިއަދު ސަލާމުގައި ހުންނެވުމުގެ ސަބަބުން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހެޅީ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެޔެވެ. އީސަ އަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް އަނިޔާ ކުރި ކަމަށެވެ.

އެ މައްސަލައިގައި އީސަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

އީސާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށްބުނާ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުސް އޮފީހުގައި ވަނީ އެދިފަ އެވެ. އަދި ފަހުން ޝަރީއަތް ކުރިއަށް ނުގެންދަން ވެސް ވަނީ އެދިފަ އެވެ.

އީސަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ފުލުހުންނަށް އިތުބާރު އޮތް ކަމަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ޕީޖީން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް