ރާއްޖޭގައި އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތް އަލުން އަލާވަނީ

--- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފާތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ، އަނެއްކާ ވެސް ރާއްޖޭގައި އަންހެން ކުދިން ހިތާނުކުރުމާއި، އެކަމަށް ހިތްވަރު ދިނުން އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ރިސާޗްތަކުން ވެސް އެބަ ފެނޭ ދިވެހިރާއްޖޭގައި މ ސަގާފަތް އަނެއްކާވެސް އާލާވަމުން [އަންނަކަން]. މިކަމަށް ހިތްވަރުދީ ނުވަތަ މިގޮތަށް ހިތާނުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ފަރާތްތައް ވެސް އެބަތިބިކަން. މިކަމަށް އެޑްރެސް ކުރުމަށްޓަކައި އެބަޖެހޭ ވަރަށް ބޮޑެތި ރީސާޗްތައް ވެސް އަދި މިހާރު ހުރި އެންމެ ސައްހަ ސްޓެޓިސްޓިކްސް ހޯދައިގެން ބަލަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމަކީ އެކަމުގެ ސަބަބުން އަންހެނުންގެ ޖިންސީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި އަންހެނުންނަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އަންހެނުންނަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ.ގެ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ރާއްޖެއިން ހުށަހެޅި ޝެޑޯ ރިޕޯޓުގައި ވެސް އެކަންކަން ވަނީ ހިމަނައިފަ އެވެ.

އެ ޝެޑޯ ރިޕޯޓު ހުށަހެޅީ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ގެވެށި އަނިޔާ އާއި ނާޖާއިޒު ފައިދާ ނެގުމާއި އަންހެނުން ބާރުވެރި ކުރުމަށް ހުރި ހުރަސްތަކާއި ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި އަންހެނުން ތަމްސީލު ކުރާ މިންވަރާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާއި އުފަންވަނިވި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާއި އެހެނިހެން ކަންކަން ވެސް ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ރާއްޖޭގައި 2016-2017 އާ ދެމެދު ކުރިއަށް ގެންދިޔަ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭއާ ހަވާލައިދީ، ޔުނިސެފުން ބުނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ.

އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ.

އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާއިން ދައްކައެވެ.

އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް