އީސަގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

މެމްބަރު އީސަ މަޖިލީހުގެ ޖަލްސާއެއްގައި. އޭނާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވާ އިރު، ހޯމަ ދުވަހު ޝަރީއަތް ފަށަން ވަނީ ތާވަލުކޮށްފައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހޯމަދުވަހު ފަށަން ތާވަލުކޮށްފި އެވެ.

އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހެޅީ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެޔެވެ. އީސަ އަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް އަނިޔާ ކުރި ކަމަށެވެ.

އެ މައްސަލައިގައި އީސަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ފަށަން ތާވަލުކޮށްފައިވާއިރު، ފުރަތަމަ އަޑުއެހުން އޮންނާނީ އެ ދުވަހު ހެނދުނު 11:00 ގައެވެ.

އީސާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށްބުނާ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުސް އޮފީހުގައި ވަނީ އެދިފަ އެވެ. އަސްރާ އެގޮތަށް އެދުނު ނަމަވެސް، ފުލުހުން ނިންމީ އެ މައްސަލަ ކުރިއަށްގެންދިއުމަށެވެ.

އީސަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ފުލުހުންނަށް އިތުބާރު އޮތް ކަމަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ޕީޖީން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް