މަރަދޫގައި އަންހެނަކު ގޭގައި ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ، މަރަދޫގެ ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި 27 އަހަރުގެ އެ އަންހެން މީހާ ކުރި ޕޯސްޓަކަށް ފަހު އެވެ. އެ އަންހެން މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެވާހަކަތައް މި ދައްކަނީ ވަރަށް ބިރުން ހުރެ ކަމަށެވެ.

އޭނާގެ މައިންބަފައިންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެކަމުން ސަލާމަތް ވާން ވެގެން 2016 ވަނަ އަހަރު ފިލައިގެން މާލެ އައި ކަމަށް ބުނެފައިވެ އެވެ.

"ގެންގުޅެނީ ގޭގައި ބަންދުކޮށްގެން. ބޭރަށް ދާކަށް ހުއްދައެއް ނުދޭ. މުޅި ގެ ވަށައިގެން ސެކިއުރިޓީ ކެމެރާ ހަރުކޮށްފަ، އިލެކްޓްރޯނިކް ދޮރެއް ހަރުކޮށް އަހަންނަކަށް ތަޅުދަނޑިއެއް ނުދޭ،" ޕޯސްޓުގައި ބުނެފައިވެ އެވެ.

ރައްޓެހިންނާ އެކުވެސް ބޭރަށް ދާން ހުއްދަ ނުދޭ ކަމަށާއި، ބޭރަށް ދެވެނީ ހަމައެކަނި މަންމަ އާއެކު އާއިލާގެ އެހެން މީހުންނަށް ޒިޔާރަތްކުރަން ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާ ބުނީ 2016 ވަނަ އަހަރު ގެއިން ފިލައިގެން މާލެ އައީ ކައިވެނި ކުރުމަށް ކަމަށެވެ. ނަމަވެސް އޭނާ މާލެ ދިޔައީ ސީރިއާ އަށް ދާން ކަމަށް ބުނެ އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ބުނެފައިވެ އެވެ.

"އަހަރެން ނުގެންދަން ޕާސްޕޯޓެއް ވެސް. އަހްނަނާ ދެކޮޅަށް އެއްވެސް ކަހަލަ ހެއްކެއް ފުލުހުންނަކަށް ނުލިބުނު. އަދި އަހަރެން ދަނީ ސީރިއާ އަށް ކަން ވެސް ސާބިތެއް ނުކުރެވުނު،" އޭނާ ބުންޏެވެ.

ފިލައިގެން ދިޔަ އިރު އުމުރުން 21 އަހަރު ވާނެ ކަމަށާއި، ބައްޕަ އަކީ ނުފޫޒުގަދަ މީހަކަށް ވުމުން، ފެމެލީ ކޯޓުގެ ލިޔުމަކާ އެކު އޭނާ އަނެއްކާ ވެސް ހަވާލުކުރީ އާއިލާއާ ކަމަށެވެ.

"އޭގެ ފަހުން އަހަރެން މުޅިން އެކަހެރި ކޮށްލީ. އެއްވެސް ގޮތަކަށް އަޅައެއް ނުލާ. އެމީހުން ގެއިން ބޭރަށް ދާއިރު ދަނީ ކާ ކޮޓަރި ވެސް ތަޅުލާފައި،"

އޭނާ ބުނީ އެގޮތަށް ބަންދުކޮށްފައި އިންނާތީ އޭނާއަށް ނަފްސާނީ ގޮތުން އަސަރުކޮށް، އަމިއްލައަށް މަރުވުމުގެ ހިޔާލު ވެސް އަންނަ ކަމަށެވެ. އަދި ކާހިތް ކެނޑި، ޑިޕްރެޝަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެންޒަޔަޓީ ވެސް ހުންނަ ކަމަށް ބުންޏެވެ.

އޭނާއަށް ފޯނެއް ދޭން ދެކޮޅު ހަދައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ނުދޭތީ ޝުއޫރުތައް ފާޅުކުރަމުން އައީ ކޮޓަރި ފާރުގައި ކަމަށް އޭނާ ބުންޏެވެ. އަދި މައިންބަފައިންނާ ވާހަކަދައްކަން މަސައްކަތް ކުރާ އިރަށް، އެމީހުން ރުޅި އައިސް އެއްޗެހި ކިޔާތީ މިހާރު ވާހަކަ ނުދައްކާ ކަމަށް ވެސް ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި، އޭނާއާ މެދު އިހާނެތިކޮށް ކަންތައް ކުރަނީ އޭނާ އަކީ "ހަރުކަށި ފިކުރުގެ" މީހެއް ކަމަށް ބުނެ އެވެ.

"ކުއްލިއަކަށް އައިސް ކޮޓަރިއަށް ވެސް ވަދެފާނެ. ހީވަނީ އަހަރެން ނުބައި ކަމެއް ކުރަން ހުއްޓާ އަތުލަން އުޅޭހެން. ޤުރްއާން ކިޔަވަން އިނަސް ރުޅި އަންނާނެ. ބުނާނެ އަހަރެން މޮޔަ ވާނޭ. މަންމަ އަކީ އަހަންނަށް ރައްކާތެރިކަން ދޭން ހުރި މީހާ. އެކަމަކު އެއް ދުވަހު އަހަރެން ގައިގައި ތަޅައިވެސް ގަތް،" އޭނާ ބުންޏެވެ.

އެ އަންހެން މީހާ ބުނީ މިދިޔަ އަހަރު ކައިވެންޏެއް ކޮށްގެން ދާން އުޅުނު ކަމަށާއި ނަމަވެސް އާއިލާއިން ރުހުން ނުދިން ކަމަށެވެ. އެހެންވެ އޭނާއާ އިންނަން އުޅުން މީހާ ވެސް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މީހަކާ އިންނަން ބޭނުންވެގެން ބުނުމުން ރުހުން ނުދިން ކަމަށް ބުނެފައިވެ އެވެ.

ބަންދުވެފައި އިންނަން ޖެހުމުން، އެއް ފަހަރަކު ސިކުނޑީގެ ޑޮކްޓަރަކަށް ދެއްކި ކަމަށާއި، ނަމަވެސް އެ ފަހަރު ވެސް އޭނާއަށް އެކަނި ޑޮކްޓަރާ ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެގޮތުން އެ ސެޝަންގައި ބައިވެރިވެ، މަންމަ ދޮގު ވާހަކަތަކެއް ދައްކައި ބައްޕައަށް ފޯނުން ގުޅައި ސެޝަންގައި ބައްޕަ ވެސް ބައިވެރި ކުރުވި ކަމަށް އޭނާ ބުންޏެވެ.

"ރައްކާތެރި މާހަައުލެއްގައެއް ނޫން މި އުޅެނީ. އަހަރެން ބޭނުމީ މިތަނުން ނުކުންނަން. އަހަރެން ކައިވެނި ކުރަންހުރަސް އަޅައި އަހަރެން ބައިންދަނީ ބަންދުކޮށްފައި. މީ އަވަށްޓެރިންނާ ރަށުގެ އެންމެނަށް އެނގޭ ކަމެއް. އެކަމަކު އެކަކު ވެސް މި ވާހަކަ ނުދައްކާ،"

"ހަރުކަށި ފިކުރުގެ މީހެއްގެ ލޭބަލް އެޅޭ ހިސާބުން ހުރިހާ ކަމެއް ނިމުނީ. ހުރިހާ އިންސާނީ ހައްގެއް ވެސް ގެއްލުނީ. އަނިޔާ ލިބޭކަން އެނގުނަސް އެވާހަކައެއް ނުދައްކާނެ. މީހުންނާ އެކުވެ އުޅުމުގެ މިނިވަންކަން ކޮބާ؟ ބޮޑު މީހަކަށް ހުއްދަ ނެތި ގެއިން ނުނުކުމެވެންވީ ކީއްވެ؟ ބޭނުން މީހަކާ ކައިވެނި ނުކުރެވެންވީ ކީއްވެ؟ މީ އަސާސީ ހައްގުތަކެއް ނޫންތަ؟" އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެ އެއްގައި ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން ޖެންޑާ އާއި ފުލުހުން ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އަންނަނީ އޭނާ މިނިވަންކުރަން ގޮވާލައި ކެމްޕޭނެއް ހިންގަމުންނެވެ.

comment ކޮމެންޓް