ކައުންސިލް ހައުސިންގެ ކުލި 5،000 އާ 7،000 ދެމެދު

އެޕޯލޯ އިން އަޅާ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށުން --- ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އެޕޯލޯ ހޯލްޑިންގްސް އާ ހަވާލުކޮށްގެން ތަރައްގީކުރާ ޓަވަރުތަކުގައި ހިމެނޭ ކައުންސިލް ހައުސިން ޔުނިޓުތަކުގެ އަގު ހުންނާނީ 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ކަަމަށް ސަރުކާރުން ބުނެފި އެވެ.

ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެޕޯލޯ ހޯލްޑިންގްސް އިން ނުވަ ޓަވަރެއް އަޅާއިރު 1،000 ހައުސިން ޔުނިޓު ހުންނާނެ އެވެ. އެތަންތަނުގައި ކައުންސިލް ހައުސިން، އެފޯޑަބަލް އަދި މިޑްރޭންޖު ހައުސިން ޔުނިޓުތައް ހުންނައިރު ކައުންސިލް އަދި އެފޯޑަބަލް ޔުނިޓުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާނެ އެޕާޓްމެންޓުތަކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެޕޯލޯ ޓަވަރުތަކުގައި އަޅާ ކައުންސިލް ހައުސިންގެ ދެކޮޓަރީގެ 60 އެޕާޓުމެންޓުގެ ކުއްޔަކީ 5،500 ކަމަށެވެ. އަދި ތިން ކޮޓަރީގެ 60 އެޕާޓުމެންޓުގެ ކުއްޔަކީ 7،000 ރުފިޔާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް ހައުސިންގެ ގޮތުގައި ދޫކުރާ އެޕާޓުމެންޓުތަކަކީ ސައިޒުން ބޮޑު ތަންތަން ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ދެ ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 586 އަކަފޫޓު ކަމަށާއި ނަމަވެސް މިހާރު އަޅާ ހައުސިން ޔުނިޓުތަކުގައި ހިމެނޭ ދެކޮޓަރީގެ ކައުންސިލް ހައުސިން އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 650 އަކަފޫޓު ކަމަށް ވިދާޅުވި އެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 800 އަކަފޫޓު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އެޕޯލޯ އިން އަޅާ ޓަވަރުތަކުގައި ހިމެނޭ އެފޯޑަބަލް ހައުސިން ކެޓަގަރީގައި 220 އެޕާޓުމެންޓު ހުންނާނެ އެވެ. އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ ދެކޮޓަރީގެ އެޕާޓުމެންޓުގެ ބޮޑުމިނުގައި 650 އަކަފޫޓު ހުންނައިރު ކުއްޔަކީ 8،600 ރުފިޔާ އެވެ. އަދި ތިންކޮޓަރީގެ އެޕާޓުމެންޓުގެ ކުއްޔަކީ 13،000 ރުފިޔާ ކަމަށާއި އެތަންތަނުގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އެ މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއުގައި ހިމެނޭ މިޑް ރޭންޖު ހައުސިން ޔުނިޓުތަކުގެ ކަންތައް ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރެވެ. އެތަންތަން ވިއްކާނީ އަކަފޫޓަކަށް 2،400 ރުފިޔާ އަށްވުރެ ބޮޑުނުވާނެ ހެންނެވެ.

އެޕޯލޯ އިން އަޅާ ޓަވަރުތަކުގެ ތެރެއިން ފުރަތަމަ ޓަވަރުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެ މަޝްރޫއަކީ 100 ޕަސެންޓު ދިވެހި ކުންފުންޏަކުން ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

comment ކޮމެންޓް