އެޕޯލޯ އިން ހުޅުމާލޭގައި އަޅާ 1000 ފްލެޓުގެ މަސައްކަތް ފަށައިފި

އެޕޯލޯ ހޯލްޑިންގްސް އިން ހުޅުމާލޭގައި އަޅާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި އެވެ.

ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭ ހިމެނިގެން ކުރިއަށްގެންދާ އެ މަޝްރޫއުގައި ކައުންސިލް ހައުސިން އާއި އެފޯޓަބަލް ހައުސިން އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓުތައް ހިމެނޭނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަޅާ 1000 ޔުނިޓުގެ ތެރޭގައި ކައުންސިލް ހައުސިން އަށް ހާއްސަ 120 ޔުނިޓާއި، އެފޯޯޑަަބަލް ހައުސިންގެ 220 ޔުނިޓު އަދި މިޓް ރޭންޖުގެ 660 ޔުނިޓު ހިމެނެ އެވެ.

ކައުންސިލް ހައުސިންގެ ދަށުން އަޅާ ފްލެޓުގެ ތެރޭ ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމެންޓާއި 800 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ. އެފޯޑަބަލް ހައުސިންގެ ދަށުން ދެ ކޮޓަރީގެ 650 އަކަފޫޓުގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ 900 އަކަފޫޓުގެ އެޕާޓްމެންޓު އަޅާއިރުމިޑް ރޭންޖުގެ ދަށުން ދެ ކޮޓަރީގެ 750 އަކަފޫޓުގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ 1000 އަކަފޫޓުގެ އެޕާޓްމެންޓެވެ.

މި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތާއި މަޝްރޫއަށް ފައިނޭންސް ކުރާނީ އެޕޯލޯ ހޯލްޑިންގްސް ގެ ފަރާތުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދު ވިދާޅުވީ މި ހައުސިން ޔުނިޓުތަކާއެކު ހެޔި އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ ތަނަވަސް އެޕާޓުމެންޓުތައް. އަދި ކޮންމެހެން ބޭނުން ހުރިހާ ހިދުމަތާ އެކު ޒަމާނީ، އާއިލާ އާއެކު އުފާވެރިކަމާއެކު ދިރިއުޅެވޭނެކަން ޔަގީން ކުރަން،" ސުހައިލު ވިދާޅުވި އެވެ.

ސުހައިލު ވިދާޅުވީ މި މަޝްރޫއަކީ 100 ޕަސެންޓު ދިވެހި ކުންފުންޏަކުން ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

comment ކޮމެންޓް