ނަޝީދަށް ދިން ހަމަލާއާ ގުޅޭ އޮޕަރޭޝަނަކަށް ސަލާމަތީ ބާރުތަކުން ޖަލުތަކަށް ވަދެއްޖެ

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ސިފައިންނާއި ފުލުހުން އަދި އެ ސާވިސް އިން ގުޅިގެން ފެށި އޮޕަރޭޝަނަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިތުރުން، ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދާނީ މާލޭ ޖަލާއި މާފުށީ ޖަލުގަ އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

ހަމަލާ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ހަމަލާ ދިން ތާ އެއް މަސް ފުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުން ބުނީ ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެންމެން މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އެ ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރާވާއި ހިންގި މީހުންނާއި އަދި ހަމަލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ވެސް ހޯދުމަށް ފޯކަސް ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް