އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ: ރަޝީދު

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

ވެރިކަމުގެ ދެބާރެއް އޮތީ އެމްޑީޕީގެ ތެރޭގައި ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިންގުމަށް ހުރަސްއެޅޭ ހިސާބަށް ކަންކަން ގެންދެވޭ ނަމަ، އެއް ޕާޓީއަކުން ހިންގާ އެ ދެ ބައިގެ މަސައްކަތް އެދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ... ސަރުކާރުންވި ވައުދުތައް ފުއްދުމަށް ހެސްކިޔާފައި [ސަރުކާރުން މަސައްކަތް] ގެންދާ އިރު، ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރުމުގެ ތެރޭގައި އެބަ އާދޭ ކޮންމެވެސް ވަރަކަށް އެދެވޭ ވަރަށް ނޫން މިންވަރަށް ފްރިކްޝަން [ދެކޮޅުވެރިކަން] އުފެދިގެން އަންނަތަން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއި އަދި މަޖިލީހުގެ ކޮންޓްރޯލް އެއް ޕާޓީއެއްގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެކަން ކުރަން ޖެހޭނީ އެންމެ ހެޔޮގޮތުގައި ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަކި ވަރަކަށް ވުރެ ބޮޑަށް ދޫކޮށްލެއްވިއްޖެ ނަމަ ކޮރޮޕްޝަނަށް މަގުފަހިވާނެ ކަމަށާއި އެހެން ނަމަވެސް "ސަރުކާރު ހިންގަން ދަތިވާ ވަރަށް... [މަޖިލީހުން] ވަދެގެން ނުވާނެ،" ކަމަށެވެ.

އެމްޑީޕީގެ ދެބައިވެދާނެތޯ ޕްރެޒެންޓަރު ކުރި ސުވާލަށް، ރަޝީދު ވިދާޅުވީ އިސްލާހީ މަސައްކަތާއި އަދި އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެއްސް މީހަކު އެ ޕާޓީ ބައިބައިވުމަށް ބޭނުން ނުވާނެ ކަމަށެވެ. "އެހެން ނަމަވެސް އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ދެ ކަފިވެ، އެމްޑީޕީ އިން ހިންގާ އިދިކޮޅު ހަރަކާތުގެ ސަބަބުން ސަރުކާރު ވެއްޓިދާނެތޯ ކުރި ސުވާލުގައި ރަޝީދު ވިދާޅުވީ އެމްޑީޕީއަށް ހެޔޮއެދޭ އަދި އިސްލާހީ މަސައްކަތްތަކަށް ގުރުބާނީވި އެއްވެސް މީހަކު އެކަން އެމަގުން ދިއުމަށް ނޭދޭނެ ކަމަށާއި އެކަމަކު އަމިއްލަ މަސްލަހަތު އިސްކުރާ މީހަކު އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވިދާޅުވުމަށް ވެސް ބޭނުންފުޅު ނޫން ކަމަށެވެ. އެހެން ނަމަވެސް ގޮންޖެހުންތަކާ އެކު ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ އިރު ކަންބޮޑުވުންތަކެެއް ހުރިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެއް ޕާޓީއެއްގައި ތިއްބަވައިގެން އެ ދެ ބޭފުޅުންގެ ކޯޅުން ބޮޑުވެ، ޕީޕީއެމް ރޫޅުނު ތަން ފެނުމުން ހިންހަމަޖެހުން ލިބިވަޑައިގަތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ އެބަ އޮތް ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގެ ހިޔާލުތަފާތުވުން ބޮޑުވެ، އަޅުގަނޑުމެންގެ މިޖަވާބުދާރީ ކުރުވުމާއި ވެރިކަމުގެ ނިޒާމާ މި އޮންނަ ގުޅުމުގެ ތެރޭގައި ތަންނެތް ވަރަށް ހިޔާލުތަފާތުވުން ބޮޑުވެ، މި ގޯސް ހިނގާފައިނެތީ،"

އެމްޑީޕީގެ އެތެރޭގެ ކޯޅުން އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ވަކި ބޭފުޅަކަށް ލިބެންދެން އެގޮތުގައި ކުރިއަށް ދާނެ ކަމަށް ރަޝީދު އިޝާރާތް ކުރެއްވި އެވެ. އަދި އެ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ރަޝީދު އިޝާރާތް ކުރެއްވި އެވެ. އަދި އެ ދެ ބޭފުޅުންނަކީ ވެސް ދައުލަތުގެ ދެ ބާރެއްގެ ވެރިން ކަމަށާއި އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީ އެއީ ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ. އެހެން ނަމަވެސް އެ ޓިކެޓްގެ ކަންކަން ހަމަޖެހުމުން ކަންކަން ހަމައަކަށް އެޅި އެއް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް