މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ހިޔާލު ހޯދުން މި މަހު 15ގައި

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން، މި މަހުގެ 15 ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ.

އެ ބައްދަލުވުން އޮންނާނީ ޖޫން 15 ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި އޮންލައިން ކޮށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ މާލެ ސިޓީގެ ރައްޔިތުންނަކީ ބިންވެރި ބަޔަކަށް ހެދުމަށެވެ.

އެގޮތުން މާލެ އަދި ވިލިމާލޭގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ލޭންޑް ޔޫޒް ޕްލޭނެއް ހަދައި، އެންމެ ނިކަމެތި ރައްޔިތުންނަށް ހައުސިން މަޝްރޫއެއް ހިންގަން ވަނީ ހިމަނައިފަ އެވެ. ހަމައެއާ އެކު ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރަން ވެސް ހިމަނާފައިވެ އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އެކްޝަން ޕްލޭންގައި ހުރި ކަންކަމާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު އަަދުވެސް ހޯއްދަވާނެ ކަމަށާއި، ކުރިއަށް ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށެވެ.

އެ ބައްދަލުވުމުން ކުރިއަށް ދާނީ ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީ ގުޅިގެންނެވެ.

ސިޓީއާއި ސީޓީގައި ހިމެނޭ އަވަށްތަކުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަކީ ކައުންސިލްތަކުގެ މަސްއޫލިއްޔަތެކެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ، އަވަށު ބޯޑުތަކުން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްގީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކޮށްގެން ތަރައްގީގެ މަޝްރޫއުތައް ރޭވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މަޝްރޫއުތައް ތަންފީޒުކުރުމަކީ ސިޓީ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް