ކޮވިޑް 19 އަށް ޕޮސިޓިވް ވުމުގެ ސަބަބުން ޓީމުން އެކަހެރިވެ ތިބުމަށްފަހު ނަތީޖާ ނެގެޓިވް ވެފައިވުމުން ޕްރޮޓޮކޯލް ފުރިހަމަކޮށް އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ސާމިސް (ތޮއްޕެ) އަލުން ގައުމީ ޓީމު ކޭމްޕާ ގުޅިއްޖެ އެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ކުޅެން ނިންމީ ދުބާއީގަ އެވެ. ނަމަވެސް އެންމެ ފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަގަނޑޭއާއި ތޮއްޕޭ ވައިރަހަށް ޕޮޒިޓިވްވީ ގައުމީ ޓީމުން ދުބާއީގައި ހަދަމުން އައި ތަމްރީނުތަކުގެ ތެރެއިން މިދިޔަ މެއި މަހު ހެދި ޓެސްޓުތަކުންނެވެ.
އޭރު އޮތް ގޮތުން ނަމަ ޗައިނާއަށް ޓީމު ދިއުމުގެ ކުރިން ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވުމާ އެކު ދަގަނޑޭއާއި ތޮއްޕެ އެކަހެރިވި އިރު، އެ ދެ ކުޅުންތެރިންވެސް އޭރު ވަނީ ބާކީ ތިބި ކުޅުންތެރިންނާ ކޮންޓެކްޓް ވެފަ އެވެ. އެހެން ކަމުން އެވަގުތު ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ ގޮތް ހުސްވެދާނެ ކަމަށް ބުނެ މާޔޫސްކަން ފާޅުކޮށްފަ އެވެ.
އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ޕޮޒިޓިވްވުމުން އެކަހެރިކޮށްފައި ތިބި އަޝްފާގާއި ތޮއްޕެ ކޮވިޑުން ރަނގަޅުވެ، ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އަލުން ކޭމްޕާއި ގުޅުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި އެ ދެކުޅުންތެރިންނަށް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ދަގަނޑޭ އާއި ތޮއްޕޭ ގައުމީ ޓީމާ ގުޅުނުއިރު، ކޮލިފައިންގައި އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭނެއެވެ. އެހެންކަމުން އެ ދެ ކުޅުންތެރިންނަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ. އެކަމަކު ދަގަނޑޭ އާއި ތޮއްޕޭ ނުލައި ރާއްޖެ ވަނީ ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެފައެވެ. މިދިޔަ ހުކުރު ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
ގްރޫޕްގެ ހަތަރުވަނައިގައި މިވަގުތު ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާއާއި ފިލިޕީންސާ ދެކޮޅަށެވެ. ތިންވަނަ މަގާމަކީ އޭޝިއަން ކަޕަށް މުހިއްމު މަގާމެކެވެ.