ހިޔާ ފްލެޓުތަކަށް ގޭސްހޮޅި އަޅަން ކޮންސަލްޓެންޓެއް ހޯދަނީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ހޮޅި އެޅުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ބީލަމަށް ހުޅުވާލައިފި އެވެ.

ފަންސަވީސް ބުރީގެ ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ. އިންޓަނޭޝަނަލް ގަވައިދުތަަކާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓްވޯކު އެޅުމަށް ބޭނުންވާ ފުރަތަމަ ސްޓޭޖުގެ މަސައްކަތަށް ޑިޒައިން އެންޑް ކޮންސަލްޓެންސީ މަސައްކަތްކުރާ ފާމް ތަކަށް ވަނީ ހުޅުވާލައިފަ އެވެ.

މޯލްޑިވް ގޭސް އިން ކުރި އިއުލާނުގައި ބުނީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް ބީ ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޓީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޓައިޕް އޭގެ 10 ޓަވަރުގައި 3،840 އެޕާޓްމެންޓު އަދި ޓައިބް ބީގެ ހަ ޓަވަރުގައި 2،880 އެޕާޓްމެންޓު ހުންނާނެ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

އުސްކޮށް އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ލިފްޓުން ގޭސް ފުޅި އެރުވުމުގައި ދަތިވާނެތީ މޯލްޑިވް ގޭހާ ވާހަކަ ދައްކައިގެން ގޭސް ހޮޅި އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް