އިރުމަތީ ގުދުސްގައި ޔަހޫދީންގެ ހިނގާލުން ބާއްވަން ހުއްދަ ދީފި

ޔަހޫދީ ވަތަނީ ފިކުރުގެ މީހުން 10 މެއި 2019އިގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖޫން 9): އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި، ޔަހޫދީ ވަތަނީ ފިކުރުގެ މީހުންނާއި ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ތާއިދު ކުރާ ޖަމާއަތްތަކުން ބާއްވަން މަސައްކަތް ކުރަމުންދާ ހިނގާލުމަށް އިސްރާއީލުގެ ސަރުކާރުން ހުއްދަ ދީފި އެވެ.

އިސްރާއީލުގެ ދިދަ ވިހުރުވަމުން އިރުމަތީ ގުދުސްގައި އާއްމު ގޮތެއްގައި އެ އެއްވުން ބާއްވަނީ މެއި 10ގަ އެވެ. އެއީ 1967ގެ މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން އިރުމަތީ ގުދުސް ހިފުން ފާހަގަ ކުރުމަށް ބާއްވާ އެއްވުމެކެވެ. ނަމަވެސް މިދިޔަ މަހުގެ 10އިންް 21އަށް އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ބަދަލު ކުރަމުން ދިޔުމުން، އެ ހިނގާލުން މާދަމާ ބާއްވަން ނިންމި އެވެ.

ނަމަވެސް އިރުމަތީ ގުދުސްގައި އަގްސާ މިސްކިތުގެ ގޯތިތެރޭގައި އެފަދަ ހިނގާލުމެއް ބާއްވަން ޖާގަ ނުދޭނެ ކަމަށް ބުނެ ހަމާސްއިން އިންޒާރު ދިނުމުން އެ ހިނގާލުން ކެންސަލް ކުރި އެވެ. އޭގެ ފަހުން، އިއްޔެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުގެ ބައްދަލުވުމެއްގައި ވަނީ އެ ހިނގާލުން އަންނަ އަންގާރައިގައި ބާއްވަން ހުއްދަ ދީފަ އެވެ.

"އެ ޕެރޭޑު އިންތިޒާމު ކުރާ ފަރާތްތަކާއި ފުލުހުން އެއްބަސްވާ ގޮތަކަށް އަންނަ އަންގާރައިގައި ޕެރޭޑު ބާއްވާނީ،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ މަހު އިސްރާއީލުން 11 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 254 މީހަކު މަރުވި އިރު އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނުނެވެ. އަދި ޣައްޒާގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ ހަމަލާތައް ބަދަލު ކުރީ އިރުމަތީ ގުދުސްގެ ޝައިހް ޖައްރާއިން ފަލަސްތީނުގެ އާއިލާތަކެއް ބޭރުކޮށް އެމީހުންގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރަން އުޅޭ މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން ނުރުހުން ފާޅު ކުރަމުން ދަނިކޮށެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވީ، އިސްރާއީލްގެ ފުލުހުން އަގްސާ މިސްކިތުގެ ތެރެއަށް ވަދެ، މުސްލިމުންނަށް އަނިޔާ ކުރުމުންނެވެ.

ނަތަންޔާހޫގެ ސަރުކާރުން އެ ހިނގާލުމަށް ހުއްދަ ދިނީ، އިސްރާއީލުގައި އާ ކޯލިޝަން ސަރުކާރަކަށް ރުހުން ދިނުމަށް އަންނަ އާދިއްތަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ނަގަން ހަމަޖެހިފައި ވަނިކޮށެވެ.

އެ ކޯލިޝަން އެކުލަވާލާފައި ވަނީ ނަތަންޔާހޫގެ ސަރުކާރާ އިދިކޮޅު ޔަޝް އަތީދު ޕާޓީގެ ލީޑަރު ޔައިރު ލަޕިދު އެވެ. އެ ކޯލިޝަންގައި ސިޔާސީ އެކި ފިކުރުގެ ޕާޓީތައް ހިމެނެ އެވެ. އެގޮތުން އެންމެ މުހިއްމު ޕާޓްނަރަކީ ކަނާތު ފިޔައިގެ ވަތަނީ ފިކުރު ގެންގުޅުއްވާ ނަފްތާލީ ބެނެޓް އެވެ. އޭނާ އާއި ލަޕިދު ވަނީ ދެ ބޭފުޅުންވެސް ބޮޑުވަޒީރުގެ މަގާމު އެކި ފަހަރު މަތިން ކުރައްވަން އެއްބަސްވެވަޑައިގެންފަ އެވެ.

މީގެ އިތުރުން، އިސްރާއީލްގެ ސަރުކާރުގެ ކޯލިޝަނެއްގައި ފުރަތަމަ ފަހަރަށް އެގައުމުގެ ފަލަސްތީނުގެ ރައްޔިތުން ތަމްސީލު ކުރާ ޕާޓީއެއް ވަނީ ބައިވެރިކޮށްފަ އެވެ. އެއީ ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީ އެވެ.

comment ކޮމެންޓް