ކޮލަންބޯ (ޖޫން 8) : ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި 17 މީހުން މަރުވެ، އެތައް ހާސްބަޔަކު ހާލުގައި ޖެހިއްޖެ އެވެ.
ސްރީލަންކާގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ހާމަކުރާގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 10 ސަރަހައްދަކުން 17 މީހަކު މަރުވެ ދެލައްކައެއްހާ މީހުންވަނީ ހާލުގައި ޖެހިފަ އެވެ. މީހުން ހާލުގައި ޖެހުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތަށް ހާސް ގެއެއްގައި ފެންބޮޑުވެ ގެދޮރުދޫކޮށް ރައްކާތެރިތަންތަނަށް ވަގުތީގޮތުން މީހުން ގެންދަން ޖެހުމުގެ ސަބަބުންކަމަށް އެސެންޓަރުން ބުނެ އެވެ.
މީގެ އިތުރުން ލައްކައަކަށް ވުރެ ގިނަ ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށާއި ބިންގަނޑު ކަނޑައިގެން ދިޔުމާއި ޗަކަފޭބުމުގެ ބައެއް ޙާދިސާތައް ވެސް ހިނގަމުންދާކަން އެސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފަ އެވެ.
ވިއްސާރައާ އެކު ފެންބޮޑުވީ ސްރީލަންކާގެ އުތުރާއި ދެކުނުގެ ކޯރުތަކުގެ ފެންގަނޑު އުފުލި ކޯރުތަކުން ފެންގަނޑު ބަނޑުންވުމުގެ ސަބަބުންނެވެ. ބައެއް ސަރަހައްދުތަކުގައި ތިން ފޫޓަށާއި ހަތަރު ފޫޓަށް ވެސް ވަނީ ފެންބޮޑުވެފަ އެވެ. މިއީ ސްރީލަންކާއަށް މޫސުމީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާ އިން މިިދިޔަ މަހު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޖޫން 14ގައި ލުއިތަކެއް ދިނުމަށް އެގައުމު ތައްޔާރު ވަމުންދަނިކޮށެވެ.