އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމްޓީސީސީއިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ ޖޫން 20 ވަނަ ދުވަހުގެ 13:00 ގައި ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ. ޖަލްސާގައި ބައިވެރިވެވޭނީ 19 މެއި 2021 ގެ ނިޔަަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.
އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނުކުރުން އޮންނާނެ އެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުންވެސް އޮންނާނެ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން 18 ޖޫންގެެ 13:00 ގެ ކުރިން ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އިންފިނިޓީ ޕޯޓަލް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ރެޖިސްޓާ ވެވޭނެ އެވެ.