އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ކޮށްފި

އޮކްޓޫބަރ 15، 2020: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހެޅީ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެޔެވެ. އީސަ އަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމަށެވެ.

ޕްރޮސެކިޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ އީސާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އީސާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށްބުނާ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުސް އޮފީހުގައި ވަނީ އެދިފަ އެވެ.

އަސްރާ އެގޮތަށް އެދުނު ނަމަވެސް، އެ މައްސަލަ ކުރިއަށްގެންދާނެ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.

މައްސަލަ ކުރިއަށްގެންދަން ބޭނުން ނޫން ކަމަށް އަސްރާ ބުނިއިރު، އަސްރާ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އަށް ބަޔާނެއްވެސް ދީފަ އެވެ.

އެކަމާ ގުޅިގެން އަސްރާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަމަށެވެ.

އީސަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ފުލުހުންނަށް އިތުބާރު އޮތް ކަމަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ޕީޖީން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް