ކޮކާކޯލާ މޯލްޑިވްސްއިން ބޮނަކުއާ ބްރޭންޑަށް ހާއްސަ، ތިމާވެއްޓާ ރައްޓެހި އެއް ލީޓަރުގެ ބިއްލޫރި ފުޅި ތައާރަފުކޮށްފި އެވެ.
ރާއްޖޭގައި ބޮނަކުއާގެ ބިއްލޫރި ފުޅިތައް އެންމެ ފުރަތަމަ ތައާރަފުކުރާނީ ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގަ އެވެ. އަދި އެއަށްފަހު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އެ ފުޅިތައް ތައާރަފުކުރާނެ އެވެ.
މީގެ އިތުރުން 'ކޯކް2ހޯމް' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ފުޅިތަކަށް އޯޑަރު ކުރެވޭނެ އެވެ.
މިކަމާ ގުޅޭގޮތުން ކޮކާކޯލާ ސްރީލަންކާއާއި ރާއްޖޭގެ މެނޭޖަރު ޕަންކަޖު ސިންހާ ވިދާޅުވީ އެކުންފުނީގެ އުފެއްދުންތައް ބަންދުކުރާ ގޮތް ބަދަލުކޮށްގެން، "ވޯލްޑް ވިތައުޓް ވޭސްޓް" އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޕްރޮޑަކްޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަމުންދާ ކަމަށާއި ރާއްޖޭގައި ބޮނަކުއާގެ ރިޓާނަބަލް ބިއްލޫރި ފުޅި ތައާރަފުކުރުމަކީ އެ އަމާޒަށް ވާސިލުވުމުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮކާ ކޯލާއިން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮނަކުއާ ބްރޭންޑަށް ހާއްސަ މިފަދަ ބިއްލޫރި ފުޅިތައް ތައާރަފުކުރަމުންނެވެ.
ބޮނަކުއާގެ ބިއްލޫރި ފުޅި ރާއްޖެއަށް ތައާރަފުކުރި ނަމަވެސް، ކޮކާކޯލާއިން ބުނީ އެކުންފުނިން ވިއްކާ ބޮނަކުއާ ޕެޓް ފުޅިވެސް ލިބެން ހުންނާނެ ކަމަށެވެ.
ޕްލާސްޓިކް ކުނި މަދުކުރުމަށް ކޮކާކޯލާއިން 2018ވަނަ އަހަރު ހާއްސަ ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އެ ކެމްޕޭނުގެ ދަށުން 2030ގެ ނިޔަލަށް އެކުންފުނިން ވިއްކާ ކޮންމެ ދަޅަކާއި ޕްލާސްޓިކް ފުޅިއަކަށް، ކުނީގެ ގޮތުގައި އުކާލާފައިވާ ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ރީސައިކަލް ކުރުމަށް ވަނީ ނިންމާފަ އެވެ.
ހަމައެއާއެކު 2025ގެ ކުރިން ކޮކާކޯލާގެ އުފައްދުންތައް މުޅިން ރީސައިކަލް ކުރެވޭ ގޮތަށް ބަންދުކުރުމަށާއި 2030ގެ ކުރިން ރީސައިކަލް ކޮށްފައިވާ ތަކެތިން ޕެކޭޖިންގެ 50 ޕަސެންޓު އުފައްދާ ގޮތަށް ޕެކޭޖިން ތައްޔާރު ކުރުމަށްވެސް ބަދަލު ގެނައުމަށް އެކުންފުނިން ވަނީ އަމާޒު ހިފާފަ އެވެ.