ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 އަށް ތައްޔާރުވުމުގެ ގޮތުން، ކޮކާ-ކޯލާ މޯލްޑިވްސް އިން ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕޭނެއް އިފްތިތާޙުކޮށްފިއެވެ.
މިއީ ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ފޯރިއާއި ލޯބި އިތުރަށް އާލާކޮށް، އެކުވެރިކަމާއެކު މެޗުތައް ބެލުމުގެ ސަގާފަތް ދިރުވުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން މުޅި ރާއްޖޭގެ ކަސްޓަމަރުންނަށް ގިނަގުނަ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ މާޗު 21 އިން ފެށިގެން މެއި 24 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮކާ-ކޯލާ މޯލްޑިވްސް އިން ކަނޑައަޅާފައިވާ ވަކި ޕްރޮޑަކްޓްތަކެއް ގަނެގެން ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ބައިވެރިވުމުގެ ގޮތުން ކަސްޓަމަރުން ކުރަންޖެހޭނެ ކަމަކީ ޕްރޮމޯޝަނަލް ޕެކްތަކުގައި ހިމެނޭ ޚާއްޞަ ރަންކުލައިގެ މަތިގަނޑުގެ ނުފުށުގައި ނުވަތަ ދަޅުގެ މަތީގައިވާ ޓެބްގެ ނުފުށުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި 500 މިލިލީޓަރު، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ޕެޓް ފުޅިތައް ހިމެނެއެވެ. އޭގެ ތެރޭގައި ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ހިމެނޭއިރު، މި ފުޅިތަކުގައި އިންނާނީ ޚާއްޞަ ރަންކުލައިގެ މަތިގަނޑެކެވެ. މީގެ އިތުރުން 330 މިލިލީޓަރުގެ ކޮކާ-ކޯލާ ދަޅުތަކުގައި ކޯޑު ހުންނާނީ ދަޅުގެ ޓެބްގެ ދަށުގައެވެ. ގިނަ ބްރޭންޑްތަކަކާއި ތަފާތު ސައިޒުތަކުގެ ޕެކްތައް މި ޕްރޮމޯޝަންގައި ހިމެނުމުގެ ބޭނުމަކީ، އަމިއްލައަށް ބުއިމެއް ބޯލުމަށް ނުވަތަ ރައްޓެހިންނާއެކު މެޗު ބަލަން އެއްވާ ވަގުތުތަކަށް ބުއިންތައް ގަންނަ އިރުވެސް ވީހާވެސް ގިނަ ބަޔަކަށް މި ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ އެންމެ މަތީ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ތާރީޚީ ފުރުސަތެކެވެ. އެގޮތުން އަށް ނަސީބުވެރިއަކަށް ފީފާ ވޯލްޑް ކަޕް މެޗެއް ވަގުތުން ބަލާލުމުގެ ފުރުސަތު ދެ މީހަކަށް، ހުރިހާ ޚަރަދަކާއެކު ލިބިގެންދާނެއެވެ. މިއީ މުޅި އުމުރަށް ހަނދާން ހުންނާނެ ފަދަ ތަޖުރިބާއަކަށް ވެގެންދާނެއެވެ.
ދެވަނަ އިނާމުތަކުގެ ގޮތުގައި 60 ނަސީބުވެރިއަކަށް ކޮކާ-ކޯލާ ބްރޭންޑްގެ މިނީ ކޫލަރު ލިބޭއިރު، 120 ނަސީބުވެރިއަކަށް ކޮކާ-ކޯލާ ބްރޭންޑްގެ ފުޓްބޯޅަ ބައްޓަމަށް ހުންނަ ޕާސަނަލް ކޫލަރު ލިބޭނެއެވެ. އަދި ތިންވަނަ ފަންތީގެ ދަށުން 180 ނަސީބުވެރިއަކަށް ކޯކް އަދި ފީފާ ބްރޭންޑްގެ ފުޓްބޯޅަ ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން އިޢުލާންކުރުން އޮންނާނީ އޭޕްރީލް ހަ ވަނަ ދުވަހުގެ ރޭ 9:00 ގައި އައިސް ޓީވީ މެދުވެރިކޮށެވެ. އޭގެ ފަހުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް ނަސީބުވެރިން އިޢުލާން ކުރަމުންދާނެއެވެ.
ކޮކާ-ކޯލާ މޯލްޑިވްސް އިން ބުނާ ގޮތުގައި މި ކެމްޕޭނަކީ ސަޕޯޓަރުންނާއި ކުޅިވަރާ އޮންނަ ގުޅުން ބަދަހިކޮށް، ފުޓްބޯޅައިގެ ކޮންމެ ވަގުތަކީ އުފާވެރި ވަގުތަކަށް ހެދުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ. ގޭގައި އާއިލާއާއެކު މެޗު ބެލުން ކަމުގައި ވިޔަސް، ނުވަތަ ކެފޭއެއްގައި ރައްޓެހިންނާއެކު މެޗުގެ ފޯރި ހިފުން ކަމުގައި ވިޔަސް، ކޯކާ-ކޯލާގެ އަމާޒަކީ އެ ވަގުތުތަކަކީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކަކަށް ހެދުމެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ ހެޑް މާރިއޯ ޕެރޭރާ ވިދާޅުވީ، “ފުޓްބޯޅައަކީ އެހެން އެއްވެސް ކަމަކާ ހިލާފަށް އެންމެން އެއްބައިކުރުވާ ކުޅިވަރެއް. މި ކެމްޕޭނުގެ އަސްލަކީ ވެސް އެއީ،” ކަމަށެވެ. އަދި ރާއްޖޭގެ މާޙައުލަށް އަލިއަޅުއްވާލައްވަމުން އޭނާ އިތުރަށް ވިދާޅުވީ، “ފުޓްބޯޅައަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު އިޖުތިމާއީ ގޮތުން ބަލާ ކުޅިވަރެއް. ކޮކާ-ކޯލާ މޯލްޑިވްސްއިން ބޭނުންވަނީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ ފަދަ ފަސޭހަ، މަޖާ އަދި ގުޅުންހުރި ކެމްޕޭނެއް ކުރިއަށް ގެންދަން. މީގެ ބޭނުމަކީ ފުޓްބޯޅައިގެ ފޯރި ފާހަގަކޮށް، އެހެން މީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ސަޕޯޓަރުންނަށް އިތުރު އުފާވެރިކަމެއް ހޯދައިދިނުން.” ކަމަށެވެ.
މި ޕްރޮމޯޝަންގެ އިތުރުން، ފުޓްބޯޅަ ސީޒަންގެ ފޯރި އިތުރުކުރުމުގެ ގޮތުން ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ އިތުރު ކަންތައްތަކެއް ރާވާފައެވެ. އެގޮތުން މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ކަލެކްޓިބަލް ކަންޓްރީ ޕެކްސް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފުޓްބޯޅައިގެ އެންމެ މަގުބޫލު ގައުމުތަކުން އިންސްޕަޔަވެގެން ތައްޔާރުކޮށްފައިވާ ލިމިޓެޑް އެޑިޝަން ޕެކްތަކެކެވެ. މީގެ އިތުރުން ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން ފިހާރަތަކުގެ ޑިސްޕްލޭތަކާއި، ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ.