އިސްރާއީލާ ގުޅުމެއް ނެތް ކަމަށް ދައްކަން އުޅުމުން ކޯކު ކުންފުންޏަށް ނުރުހުން

ކޮކާ ކޯލާއިން ބަންގްލަދޭޝްގައި ދެއްކި އިޝްތިހާރުގެ ސްކްރީން ޝޮޓެއް -- ފޮޓޯ/އަރަބި ނިއުސް

ބަންގްލަދޭޝްގައި ކޮކާކޯލާ އިޝްތިހާރެއް ދެއްކިއިރު، އެ އުފެއްދުމާ އިސްރާއީލާ ގުޅުމެއް ނެތް ކަމަށް ހަދައި، ދޮގު މައުލޫމާތެއް ހިމެނުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ކޮކާކޯލާ ކުންފުންޏަށް އަމާޒުވެއްޖެއެވެ.

ފަސްދޮޅަސް ސިކުންތުގެ އެ އިޝްތިހާރުގައި ކޮކާކޯލާއަކީ އިސްރާއީލުގެ އުފެއްދުމެއް ނޫން ކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަތައް ދައްކައިފައިވެއެވެ. އަދި، ކޮކާކޯލާ އުފައްދާ ފެކްޓްރީއެއް ފަލަސްތީނުގައި ހުންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އިޝްތިހާރު ފުރަތަމަ ދައްކާފައިވަނީ 'ޓުވެންޓީ20' ކްރިކެޓު ވޯލްޑްކަޕްގައި އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގައެވެ. އެ ކަމާ ގުޅިގެން ރަސްމީކޮށް ކޮކާކޯލާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވަނީ އެ އިޝްތިހާރު ނަގައިފައެވެ. ޓީވީން އެ އިޝްތިހާރު ދެއްކުން ވެސް މިހާރު ވަނީ ހުއްޓައިލައިފައެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އަދިވެސް ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ.

އިސްރާއީލުގެ މައްސަލަ ބަންގްލަދޭޝްގައި ވަރަށް ނާޒުކެވެ. އެ ގައުމުގެ ގިނަ ބަޔަކު ބުނާ ގޮތުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަކީ ބަންގްލަދޭޝްގެ ޚާރިޖީ ސިޔާސަތުގެ ބައެކެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން، ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އެކަން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުން އަންނަނީ ތަކުރާރުކޮށް ކުށްވެރި ކުރަމުންނެވެ. އެގޮތުން، އިސްރާއީލާ ގުޅުންހުރި ބްރޭންޑުތައް ވެސް އެ ގައުމުގައި އަންނަނީ ބޮއިކޮޓްކުރަމުންނެވެ.

ހަނގުރާމަ ފެށި ފަހުން ބަންގްލަދޭޝްގައި ކޮކާކޯލާގެ ވިޔަފާރި ވަނީ 23 އިންސައްތަށް ދަށަށް ގޮސްފައެވެ. ބަންގަލްދޭޝްގެ އިތުރުން ކުންފުނީގެ އުފެއްދުންތަކަށް އެހެން ގައުމުތަކުގައި އޮންނަ ޑިމާންޑު ވެސް ދަށްވެ، ވިޔަފާރި ވެސް ވަނީ ދަށްވެފައެވެ.

ކޮކާކޯލާއަކީ 1960ގެ އަހަރުތަކުން ފެށިގެން އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ. އަރަބި ލީގުން އިސްރާއީލު އިގްތިސާދު ބޮއިކޮޓްކުރުމާ ދެކޮޅު ހެދުމުން 1997 ވަނަ އަހަރު އެ ކުންފުންޏަށް އިސްރާއީލު ސަރުކާރުން ވަނީ ޝަރަފުވެރިކަން ވެސް ދީފައެވެ.

ގަވާއިދާ ހިލާފަށް އިސްރާއީލުން ވަޒަންވެރިވެފައިވާ، ޖޯޑަންވާލީގައި ކިރު އުފައްދާ ކާރުހާނާތައް އެ ކުންފުނިން ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް