ޖޫން 20ގެ ކުރިން ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސުން ހޮވަން އަންގައިފި

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް -- ސަން ފައިލް ފޮޓޯ

ޖޫން 20 ވާ އާދީއްތަ ދުވަހުގެ ކުރިން، ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ކަނޑައަޅައި ނިންމުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވާ ކޮށްފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ނައިބުން އައްޔަން ކުރަން ޖެހޭނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމާ ގުޅިގެން، ކައުންސިލްތަކުގެ ނައިބުން މިހާތަނަށް ހޮވާފައެއް ނުވެ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް ރިއާޔަތްކުރުމަށް ފަހު، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އިންތިހާބުކުރަން ވާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އިންތިހާބު ކުރާނެ ތާރީހު ކަނޑައަޅައި، 14 ދުވަހުގެ ނޯޓިސް ދޭން ވާނެ ކަމަށް ކަމަށް ސިޓީގައިވެ އެވެ.

މާލެ ފިޔަވައި އަނެއް ތިން ސިޓީ ކައުންސިލަށް ޑެޕިއުޓީ މޭޔަރުން ވަނީ އިންތިހާބުކޮށްފަ އެވެ. މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޕީޕީއެމްގެ ހަތަރު ކައުންސިލަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބު، 75 ގޮނޑީގެ ތަފާތަކުން ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިންނެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު ކުރަން ޖެހޭ 982 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީން ކުރިމަތިލި 804 މަގާމުން ލިބިފައި ވަނީ 400 ގޮނޑި އެެވެ. އެއީ މުޅި އިންތިހާބުގެ 40 ޕަސަންޓެވެ. އަދި އެއީ އެމްޑީޕީއިން ވާދަކުރި 804 ގޮނޑީގެ ތެރެއިން 49.8 ޕަސެންޓުގެ ގޮނޑީގެ ކާމިޔާބެކެވެ.

ވާދަވެރި ޕީޕީއެމް އިން ކުރިމަތިލި 647 ގޮނޑީގެ ތެރެއިން ލިބިފައި ވަނީ 325 ގޮނޑި އެވެ. އެއީ މުޅި އިންތިހާބުގެ 33 ޕަސެންޓެވެ. އަދި ވާދަކުރި ނިސްބަތުން ބަލާ ނަމަ އެ ޕާޓީ އިން ވަނީ 50 ޕަސެންޓް ގޮނޑި ނަގައިފަ އެވެ.

ސިޓީތަކުން އެމްޑީޕީއަށް ލިބިފައި ވަނީ، 25 ގޮނޑި އެވެ. އޭގެ ތެރޭގައި ތިން ސީޓީގެ މޭޔަރުކަން ހިމެނެ އެވެ. އެއީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލައް ސިޓީ އެވެ.

މާލެ ސީޓީގެ މޭޔަރުކަން ލިބިފައި ވަނީ ޕީޕީއެމްއަށެވެ. ކުރިން އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ނަމަވެސް، މިފަހަރު އިންތިހާބުގައި މާލެ ސިޓީގެ މެޖޯރިޓީ ލިބިފައި ވަނީ ޕީޕީއެމްއަށެވެ. އެގޮތުން މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެ އެވެ. ސިޓީތަކުން ޖުމްލަ 17 ގޮނޑި ޕީޕީއެމްއަށް ލިބިފައިވެ އެވެ.

މިފަހަރު ކޮންމެ އަތޮޅަކުން ރައީސަކު ހޮވަން ޖެހޭއިރު، 18 އަތޮޅުން ފުރިހަމަ އަޣުލަބިއްޔަތު ލިބެނީ އެމްޑީޕީއަށެވެ. އެގޮތުން އެމްޑީޕީން ވަނީ 11 އަތޮޅު ރައީސްކަން ހޯދާފަ އެވެ. ޕީޕިއެމްއަށް ލިބެނީ ހަތް އަތޮޅު ރައީސްކަމެވެ.

comment ކޮމެންޓް