ކ. ހިންމަފުށްޓާއި ގިލިލަންކަންފުށި ރިސޯޓާ ދެމެދު އޮންނަ ފިނޮޅު ނައްތާލަން އުޅުނު މައްސަލާގައި ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން އެ ރިސޯޓު ޖޫރިމަނާކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު 21 ވަނަ ދުވަހުގެ ރޭ، ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ މައްސަލައިގައި އައި ފާޑުކިޔުންތަކާއެކު ޑޭވިޑް އޭނާގެ މަގާމުން އިސްތިއުފާ ދިނެވެ. އެ މައްސަލަ ފުލުހުންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން ތަހުގީގު ކުރަން ފެށި އެވެ.
އެކަން ހިނގިތާ ހަތަރު މަސް ފަހުން، އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ރިސޯޓުގެ މުވައްޒަފުންތަކެއް ފިނޮޅަށް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން ގުޅިގެން ހިންގި ތަހުގީގުން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށް އީޕޭއޭގެ ބަޔާނުގައި ބުންޏެވެ.
އެހެން ކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އެ ރިސޯޓު ހިންގާ، ޕްރޮމަސް 562،980 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުންޏެވެ. އަދި އެކަން މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުޏަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ޑޭވިޑްއާއި އަދިވެސް ބައެއް މުވައްޒަފުން ބައިވެރިވެގެން ކޯރު ކެނޑުމުގެ މަސައްކަތުގައިގައި ތިއްބާ އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮހެވެ. އެމީހުން އެ މަންޒަރު ވީޑިއޯވެސް ވެސް ކުރި އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވެ، މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.
ފެބްރުއަރީ މަހު ކުރީކޮޅު ޑޭވިޑް މަގާމުން އިސްތިއުފާ ދިން އިރު، އެ މައްސަލައާ ގުޅިގެން އެ ރިސޯޓުން އޭނާ ސަސްޕެންޑްވެސް ކުރި އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާތީވެ، އޭރު އޭނާގެ ޕާސްޕޯޓުވެސް ހިފެހެއްޓި އެވެ.
ފިނޮޅު ނައްތާލަން އުޅުނު މައްސަލައިގައި ގާނޫނުގައި އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅަން ހިންމަފުށީ ކައުންސިލުން އޭރު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށްވެސް ގޮވާލި އެވެ.
ހިންމަފުށީގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ގިލި ލަންކަންފުށިން ފިނޮޅު ނައްތާލަން އުޅުނީ، އެ ތަނަށް ދިވެހިން ގޮސް އުޅޭ މަންޒަރު ފަތުރުވެރިންނަށް ފެންނާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ފިނޮޅު ފަދަ ތަންތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެ އޮތޯރިޓީއަށް އޮވެ އެވެ.