ފިނޮޅު ނައްތާލަން އުޅުނު މައްސަލައިގައި އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅައިދީ: ހިންމަފުށި ކައުންސިލް

ހިންމަފުށި ކައިރީގައި އޮތް ފިނޮޅުގައި ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުން ކޮނޑި ކޯރު --

ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް އެ ރަށު ކައުންސިލުން ގޮވާލައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕޮޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެތަނުގައި ކޯރު ކަނޑާ ގެއްލުން ދޭން ފެށުމުން އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮހެވެ.

އެ މައްސަލައާ ގުޅިގެން ހިންމަފުށީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިލިލަންކަންފުށިން އެ ފިނޮޅުގައި ކޯރު ކަނޑާފައި ވަނީ ކައުންސިލުގެ އެއްވެސް ބަހެއް ނެތި އެއްވެސް ދައުރެއް ނެތި ކަމަށެވެ. އަދި އެ ރިސޯޓުގެ ނިޔަތަކީ އެ ފިނޮޅު ނައްތާލުން ކަމަށްވެސް ކައުންސިލުން ތުހުމަތު ކުރި އެވެ.

އެހެންކަމުން، އެ ފިނޮޅު ނައްތާލަން އުޅުމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅައި، ރައްޔިތުންނަށް އިންސާފުވެރި ބަދަލެއް ހޯދައިދިނުމަށް އެ ކައުންސިލުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން އެދުނެވެ.

"މި ފިނޮޅު ހަލާކުކޮށް ނައްތާލުމަށް މަސައްކަތްކުރި މައްސަލައިގައި، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ކައުންސިލުން އިލްތިމާސް ކުރަނީ ފިނޮޅު ހަލާކުކޮށްލުމުގައި ޝާމިލުވާ އެންމެހާ ފަރާތްކާ މެދު ގާނުނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވައިދެއްވާ ރައްޔިތުންނަށް އިންސާފުވެރި ބަދަލެއް ހޯދައިދެއްވުމަށެވެ،" ކައުންސިލުގެ ބަޔާނުގައިވެ އެވެ.

އެ ކައުންސިލުން އިތުރަށް ބުނީ، އެ ފިނޮޅަކީ ރައްޔިތުންގެ ހިތްހަމަޖެހުމާއި ބޭނުންތަކަށް އޮންނަ ތަނެއް ކަމަށް ދެކި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ރައްޔިތުން ކެތްތެރިވެ ތިބުމަށާއި މަސްލަހަތު ގެއްލޭ ކަމެއް ނުކުރުމަށް ކައުންސިލުން އެދުނެވެ.

ގިލިލަންކަންފުށިން ފިނޮޅުގައި ކޯރި ކެނޑި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވެ އެވެ. އެކަން ސާފު ކުރަން ގުޅުމުން ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕޮޓިކްއަށް ގުޅުމުން ފޯނު ނަންގަވާފައި ނުވެ އެވެ.

އެހެން ނަމަވެސް، އެކަން ކުރީ ފިނޮޅަށް މީހުން ގޮސް އުޅޭ މަންޒަރު ގިލިލަންކަންފުށީގެ ގެސްޓުންނަށް ފެންނާތީ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ހިންމަފުށި ހިމެނޭ ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަސީމްވެސް ވަނީ އެ ތުހުމަތު ކުރައްވައިފަ އެވެ.

ފިނޮޅު ނައްތާލަން އުޅުނު މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުންވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް