ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާ ކުންފުންޏަކަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމާ ގުޅޭ އެއްބަސްވުމުގައި އިންޑިއާގެ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)އިން ސޮއިކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަން އެއްބަސްވެފައިވަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،500 ޔުނިޓާއި 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓެވެ. މުޅި މަޝްރޫއުގެ ޖުމުލަ ހަރަދު 140 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި، ފައިނޭންސް ހަމަޖައްސާނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ކަމަށް އެފްޑީސީން ބުންޏެވެ.

އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވެފައި ވެފައި ވަނީ ތިން އަހަރުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމުމަށެވެ.

އަޝޯކާ ކުންފުންޏަކީ އިމާރާތް ކުރުމުގެ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު އަޅަން އެފްޑީސީއިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އިންޑިއާގެ ދެ ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ. އެގޮތުން މިދިޔަ ފެބުރުއަރީ މަހު އިންޑިއާގެ އެންބީސީސީ ލިމިޓެޑް ކުންފުންޏާއެކު 2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމެއްގައި ސޮއިކުރި އިރު، 2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމެއްގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު މާޗު މަހު ވަނީ ސޮއިކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފެއްދެވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށެވެ.

comment ކޮމެންޓް