އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި -- ފޮޓޯ: އެމްއެންޑީއެފް

މިއަދު މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން، އެ އޮތޯރިޓީ އިން ގިޔާސުއްދީނު ސްކޫލުގައި އިވެކުއޭޝަން ފެސިލިޓީ އެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

ދެ އިމާރަތަކަށްވާގޮތަށް ހުންނަ މޯނިން ވިގު ގޭގައި އުޅުނު 56 މީހަކު އިވެކުއޭޝަން ސެންޓަރަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭ 18 އަހަރުން ދަށުގެ 17 ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުންޏެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ އިވެކުއޭޝަން ސެންޓަރަށް ގެންދިޔަ ފަރާތްތަކަށް ކެއިން ބުއިމުގެ ކަންތައް އެ އިދާރާ އިން ހަމަޖައްސާދީފައިވާ ކަމަށެވެ.

މީގެ އިތުރުން މޯނިން ވިއު ގޭގެ އިރުމަތީ ފަރާތު އިމާރާތުގައި އުޅުނު ފަރާތްތައް މިހާރު ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާގައި އެ ގޭގެ ހުޅަނގު ފަރާތު އިމާރާތް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ. އެ ގޭގައިފަސް އާއިލާއެއްގެ 32 މީހުން އުޅޭއިރު އޭގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، އެޗްޕީއޭގެ އިރުޝާދާއެކު އެ މީހުން ކޮވިޑް ފެސިލިޓީ އަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާގައި ގެއްލުންވި ގޭގެ މީހުންނަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަންނައުނާއި ތަކެތި ހަމަޖައްސައިދީފިވާ ކަމަށް ވެސް ބުންޏެވެ.

ވަގުތީ ބޯހިޔާވަހިކަމަށް މާލޭގެ ހަތް ގެސްޓްހައުސް އެއް ވަނީ ހަމަޖައްސައިފަ އެވެ.

އެންޑީއެމްއޭ އިން ވަނީ އެ ގޭގައި ދިރިއުޅުނު މީހުންނަށް ކުރިއަށް އޮތް ތިން ދުވަހު ކެއިން ބުއިން ހަމަޖެއްސުމަށް ދުވާލަކަށް 200 ރުފިޔާ ދީފަ އެވެ. އަދި ޒަރޫރީ އަންނައުނު ގަތުމަށް1500 ރުފިޔާ އާއި ކުޑަކުދިންނަށް ބޭނުންވާ ނެޕީ ފަދަ ތަކެއްޗާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށްދީފައި ވެއެވެ.

އެންޑީއެމްއޭ އިން ބުނީ ލިބުނު ގެއްލުމުގެ އެސެސްމެންޓެއް ހަދައި އިތުރު އެހީ ފޯރުކޮށްދޭނެ ކަމަށެވެ. ކުރިއަށް އޮޔް ހަފްތާ ތެރޭ އިމާރާތަށާޢި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އެންޑީއެމްްއޭ އިން ބުންޏެވެ.

comment ކޮމެންޓް