ހެނދުނު 8އިން ހަވީރު 4އަަކަށް ހުރިހާ ޓެކްސީއެއް ދުއްވޭނެ: ފުލުހުން

ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ކާފިއު ނޯންނަ ވަގުތު، ހެނދުނު 8:00އިން ހަވީރު 4:00އަށް ހުރިހާ ޓެކްސީއަކަށްވެސް ހިދުމަތް ދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް ކޭސްތައް ގިނަވުމާއެކު، ވައިރަސް ފެތުރުން ހުޓުވުމަށް އެޅި ފިޔަވަޅުތަކުން ކާފިއު ނޯންނަ ވަގުތުގައިވެސް ބޭރުގައި އުޅެވޭނީ އެކަމަށް ހާއްސަ ހުއްދަ ނަގައިގެންނެވެ. އެގޭ އިތުރުން މިހާރު ވަނީ ކާފިއުގެ ވަގުތު ހަވީރު 4:00އިން ހެނދުނު 8:00އަށް ވަގުތު އިތުރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، ކާފިއު ނޯންނަ ވަގުތުގައި ހުރިހާ ޓެކްސީތަކަށްވެސް ދުއްވޭނެ ކަމަށެވެ. ނަމަވެސް ކާފިއު ވަގުތުގައި ދުއްވޭނީ ހަމައެކަނި ހުއްދަ އޮންނަ ޓެކްސީތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ޓެކްސީ ސެންޓަރަކަށް ކާފިއު ވަގުތުގައި 10 ހުއްދަ މީގެ ކުރިން ވަނީ ދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކާފިއު ވަގުތުގައި ހިދުމަތް ދެވޭނީ ހަމަ އެކަނި އެ ހުއްދަ އޮންނަ ޓެކްސީތަކަށް ކަމަށެވެ.

"ކާފިއު ވަގުތުތަކުގައި ކޮންމެ ސެންޓަރަކުން އެއްފަހަރާ 10 ޓެކްސީއަކަށް ނުކުމެވޭނީ. ހެނދުނު 8:00އިން ހަވީރު 4އަކަށް ހުރިހާ ޓެކްސީއަކަށް ވެސް ހުއްދަ އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކާފިއު ނޯންނަ ވަގުތު ވެސް ކޮންމެ ގޭބިސީއަކުން ބޭރަށް ދާން ހުއްދަ ލިބޭނީ ދެ މީހަކަށެވެ. އަދި ވިޔަފާރިތައް ހުޅުވާފައި ބެއްހެޓޭނީ ހެނދުނު 8:00އިން ހަވީރު 4:00އަށެވެ. އޭގެ އިތުރުން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 8:00އިން ރޭގަނޑު 12:00އަށެވެ.

comment ކޮމެންޓް