ޖަލެއް ގޮތަށް މީހުން ސިފަކުރާ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބަންދުވެފައި ވޭނުގައި އެ ތިބީ ކޮންމެވެސް މީހެއްގެ މަންމަ ބައްޕަ ނުވަތަ އާއިލާގެ އެހެން ގާތްމީހެކެވެ. އެތަނުގައި ގާތް ތިމާގެ މީހުން ބައިތިއްބާފައި އައިސް ގޭގައި ނިދާލެވޭނެ ހަމަ އެކަކުވެސް ނެތެވެ. އެތަނަށް ގެންދިޔުމަށް ފަހު އެމީހެއްގެ އާއިލާގެ މީހެއްގެ ހާލެއް އެނގެނީކީ ނޫނެވެ. ގުޅޭނެ ގޮތެއް ނެތެވެ. ލޮލަށް ފެންނާނެ ގޮތެއް ނެތެވެ.
މަންމައަށް ނުގުޅޭތާ ދެ ދުވަސް ތިން ދުވަސް ވެގެން ގާތްތިމާގެ މީހުންނާއި ދަރިންގެ ޝަކުވާތަކުން ސޯޝިއަލް މީޑިއާ ވަނީ ފުރިފަ އެވެ. ބައްޕަ ގެއްލިގެންނެވެ. ފޯނަށް ޖަވާބު ނުދޭތީ އެވެ. އިވޭހާވެސް އަޑަކީ މިވެނި އުމުރެއްގެ މިވެނި މީހަކު މަރުވި ވާހަކަ އެކެވެ. ގޭގައި ތިބެނީ އެއީ ތިމާގެ މަންމައަށް ނުވަތަ ގާތް ތިމާގެ މީހާއަށް ނުވޭތޯ ދުއާކޮށްލަ ކޮށްލަ އެވެ. ކުރެވޭނެ އިތުރު އެހެން އެވެސް ކަމެއް މި ހާލަތުގައި ހަމަ ނެތީ އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދުމަށް ފަހު ދޫކޮށްލާފައިވާ މީހަކު "ސަން" އާ ވާހަކަ ދައްކަމުން ބުނީ އެއީ ވޭން ހުރި ހިތްދަތި ތަނެއް ކަމަށެވެ. ވޭނާއި ކެކުޅުމުގެ އަޑު އެތަނުން ކެނޑިގެން ނުދާ ކަމަށް އޭނާ ބުންޏެވެ. ބަލި މީހުން ވޭނުގައި ދުވަސްތައް ތަހައްމަލު ކުރަމުން ދާއިރު ފަރުވާ ދިނުމަށް ތިބީ ވަރަށް މަދު ސިއްހީ ހިދުމަތްތެރިން ކަމަށް އޭނާ ބުންޏެވެ.
"މީހުންތައް މަރުވެގެން އެދަނީ ލޯ ކުރިމަތީގައި. އެއީކީ މީހަކަށް ކެއްކޮށްލަން ފަސޭހަ މަންޒަރެއް ނޫން. މީހުން ތިބެނީ ހިތްދަތިވެ ފެންކަޅިވެފައި." އޭނާ ބުންޏެވެ.
އެ މަންޒަރުތައް ފެނި ހިތްދަތި ކަމުގައި ނޭވާ ހާސްވެގެން މީހުން މަރުވާން ދިމާވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބައެއް މީހުން ފާހަގަ ކުރެ އެވެ. އެތަނުން ނުކުމެގެން އަންނަ އެއްވެސް މީހަކު އޭނާގެ ރައްޓެއްސެއްވެސް އާއިލާ މީހެއްވެސް އެތަނަށް ނުދާން ބުނެ އެވެ.
"އަޅުގަނޑު ބުނާނެ ވާހަކައެއް ނެތް ކިރިޔާވެސް ގޮތެއް އޮތިއްޔާ އެތަނަށް އާއިލާ މީހަކު ނުފޮނުވާތި. ބައެއް މީހުން އެބަހުރި މަރުވީމަ ހަމައެކަނި އާއިލާއަށް ހަބަރުދޭން ޖެހިފައި. އެއީ ހިތްތަކަށް ކުޅަދާނަ ކަމެއް ނޫން." ސަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.
މަސް ދުވަސް ތެރޭގައި 70 އާ ގާތްކުރާ އަދަދަކަށް މީހުން މިވަނީ މަރުވެފަ އެވެ. ހަމައެކަނި އިއްޔެ 13 މީހަކު މަރުވި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހުންނެވެ. މީހުން ގިނަވެ ފަރުވާ ދޭން އެތަނަށް ވައްދާނީ ކާކުތޯ ކަނޑައަޅަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ޑޮކްޓަރުންވެސް ދަނީ ބުނަމުންނެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހިންގުމާ ހަވާލުވެ ހުންނެވި ސީއީއޯ މާރިޔާ ސައީދު ވިދާޅުވި ގޮތުން އެތަނުގައި ރަނގަޅަށް ހިދުމަތް ދެވޭނެ ވަރަށް އެކަށީގެންވާ ވަރަށް ސިއްހީ މަސައްކަތްތެރިންނެއް ނެތެވެ. ތިބި ވަރަކުން ދެވުނު އެންމެ ރަނގަކަށް ހިދުމަތް ދެމުންދާ ކަމަށް އޭނާ ވިދާޅުވެ އެވެ. ބަލި މީހާއާއެކު އޭނާގެ އާއިލާގެ މީހަކަށް ޖާގަ ދެވެން ނެތީ ކޮވިޑް ބަލީގައި އެނދުމަތި ކުރަން ޖެހޭ މީހުން ގިނަވެ ޖާގަ ނެތުމުން ކަމަށް މާރިޔާ ވިދާޅުވެ އެވެ. އެތަނުގައި ތިބޭ ބަލި މީހުންގެ ހާލު އާއިލާ މީހުންނަށް ގުޅައިގެން ދެވޭ ވަރަށްވުރެ ނަރުހުންނާއި ޑޮކްޓަރުން ބިޒީ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ވީ ވަރަކުން ގުޅައި ހާލަތު ބުނެދެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން އެޗްއީއޯސީއިން ވަނީ އާއިލާ މީހުން ގުޅުމަށް ހާއްސަ ނަމްބަރެއް ކަނޑައަޅާފަ އެވެ. އެހެންނަމަވެސް މިހާރުވެސް އެ ނަމްބަރަށް ގުޅައިގެން ފޯނު ނުނަގާ ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑެވެ.
އެތަނުގައި އެހާ ވޭން ހުރިއިރު އެތަނުގައި ތިބޭ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ޖެންޑާ މިނިސްޓްރީއިން ބަޔަކު ހަމަޖައްސާފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވި ނަމަވެސް އެކަށީގެން ސައިކޯ ސޯޝިއަލް ސަޕޯޓެއް އެތަނުގައި ނުދޭ ކަމަށް ސަން އާ ވާހަކަދެއްކި މީހާ ބުންޏެވެ.
އެއީ ހާސްކަން ބޮޑު ޖަލެއް
"އެއީ ޖަލެއް. ވައި ދައުރު ނުވާ. ބޭރު ނުފެންނަ ގޮތަށް ހަދާފައި ހުރި ތަނެއް. ކޮވިޑް ފަދަ ބައްޔެއްގައި ފަރުވާއަށް ދޭ ބޭހުގެ އިތުރުން ވައި ދައުރުވުމާއި ތާޒާ ވައި ލިބުމަކީ މުހިންމު ކަމެއް. އެއީ ކޮވިޑަށް ފަރުވާދޭން އެކަށީގެންވާ ތަނެއް ނޫން." މިދިއަ އަހަރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ދިޔަ މީހަކު "ސަން" އަށް ކިޔައިދިނެވެ.
އެތަނުގައި ހާސްކަން ބޮޑުވެ ބަލި ބޮޑުވާހެން ހީވެގެން އޭނާ ނުކުމެގެން ދިޔަ ކަމަށް ބުންޏެވެ. އެތަން އޮންނަ ގޮތް އޭނާ ކިޔައިދިން އިރު ސިފަވީ އޮޑިހަރުގެއެއް ހެންނެވެ. ޖައްސާފައި ހުންނަ މެޝިންތަކުގެ އަޑައި މީހުން ކުކުރާ އަޑުން ރަނގަޅަށް ރޭގަނޑު ނިދާ ނުލެވޭ ކަމަށް އޭނާ ބުންޏެވެ. ބޮޑު ހަރަދެއްކޮށްގެން ބަލި މީހުންނަށް ފަރުވާ ދޭން ހަދާފައި ހުރީ އަގާ ނުބައްދަލު ދަށް ފެންވަރެއްގެ ތަނެއް ކަމަށް އޭނާ ބުންޏެވެ.
މި ހަފްތާގެ ތެރޭގައި ސޯޝިއަލް މީޑިއާގައި ދައުރުވި ފޮޓޯއަކުން ފެންނަނީ އެތަނުގެ އަތް ދޮންނަ ތަށީގައި ފެން ނުހިނދި ޗަކަ ފެން ގަނޑެއް ހުއްޓައެވެ. ފެސިލިޓީއާ ހަވާލުވެ ވަޑައިގެން ހުންނެވި މާރިޔާ ވިދާޅުވި ގޮތުން އެކަލަ ފޮޓޯއަކީ އެންމެ ސިކުންތަކުންވެސް ނަގާލެވިދާނެ ފޮޓޯ އެކެވެ. އެއީ އަބަދު ހުންނަ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެތަނުގައި ދެ ދުވަހަކު އޮތް އެމީހާ "ސަން" އާ ވާހަކަ ދައްކަމުން ބުނީ އެތަނުގައި ހުންނާނީ ފެންވަރާ ފަޅިއަކާއި ފާހާނާ ބަރި އެއް ކަމަށެވެ. ފެންވަރަން ހަދާފައި ހުންނަ ފަޅީގައިވެސް ފެންހިންދާ ނިޒާމުގެ މައްސަލަތަކެއް ކުރިމަތިވެ ކޮންމެ ދުވަހަކުހެން އެތަނުގައި ފެންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.
"އެތަނަކީ ޑްރައިނިން ސިސްޓަމް މާ ރަނގަޅަށް ހަދާފައި ހުރި ތަނެއް ނޫން. އެކަމުގެ ސަބަބުން ތަން ނުތާހިރުވެ ބެކްޓީރިއާއަށްވެސް މަގުފަހިވާނެ." ސަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޮވިޑަށް ޕޮޒިޓވްވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދުވަސްތަކެއް ހޭދަ ކުރި އަލީ އާޒިމް ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ފެސިލިޓީއަކީ ވަރަށްވެސް ބަންދު ބޮޑު އެކަށީގެންވާ ވަޔާއި އަވި ލިބޭ ފަދައިން ފަރުމާކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.
"އެތާންގައި ވަރަށްވެސް ހާސްކަން ބޮޑު. ކައިރީގައި ތިބޭ ބަލި މީހުންގެ ވޭނާއި ކެކުޅުމާއި އޮންލައިން ހަބަރުތަކުން ލިބޭ މައުލޫމާތު މީހާއަށް ލިބޭ ހާސްކަމާއި ނަފްސާނީ ބަލި އިންތިހާއަށް ބޮޑު. ކޮރޯނާއިން އަޅުގަނޑަށް ވީވަރަށްވުރެއް އެތަނަށް ގެންގޮސްގެން ނަފްސާނީ ގޮތުން އަޅުގަނޑަށްވެސް ލިބުނު ގެއްލުން އެތައް ގުނައަކަށް ބޮޑުކަމުގައި ދަންނަވަން ޖެހޭ." އަލީ އާޒިމް ބުނެފައިވެ އެވެ.
އޭނާ އެދިފައިވަނީ ދުވަސްވީ މައިންބަފައިން އެކަނި މާއެކަނި ފެސިލިޓީއަށް ނުފޮނުވުމަށެވެ. އެހީއެއް ވެވޭ ފަދަ ގާތް މީހަކާ އެއްކޮށް ދިޔުމަށާއި ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
ޝަކުވާ މަދުކޮށްލާ އެހީއަށް ނުކުމެދީ
މިވަގުތަކީ ސިއްހީ ހިދުމަތްތެރިންނަށް އެއްޗެހި ކިޔަންވީ ވަގުތެއް ނޫންކަން އެންމެންވެސް ދަނެ އެވެ. އެމީހުން ހިތްވަރު ކޮށްފި އެވެ. ކޮވިޑްގެ ރާޅު ރާއްޖެއަށް އެރިފަހުން އަހަރަކަށް ވުރެއް ގިނަ ދުވަސްވެފައިވާއިރު އެމަސައްކަތުގައި މެދުކެނޑުމެއް ނެތި އެމީހުން ހޭދަކުރަނީ ބުރަ ދުވަސްތަކެކެވެ. އަދި މިހާރު އިންތިހާއަށް ބުރަ އެވެ.
"ސަން" އާ ވާހަކަ ދެއްކި ޑޮކްޓަރަކު ބުނިގޮތުން ނިދިކޮޅެއް ނުލިބި އަރާމެއް ނުލިބި 18 ގަޑިއިރުވެސް ޑިއުޓީ ކުރަންޖެހެ އެވެ. ބަލިމީހާ ވޭނުގައި އޮއްވާ ދޫކޮށް ދާކަށް ބޭނުމެއް ނުވެ އެވެ. އެންމެ ބަލީ ކާކުތޯ ބަލައި ފަރުވާ ދޭން ޖެހުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"އެންމެ ދެރަވަނީ އެއް ދުވަހަކާއި ކައިރިކައިރީގައި ގިނަ މީހުން މަރުވެގެން ދާތަން ފެންނާތީ. ލެވުނު ހިތްވަރެއް ލާފައި މަސައްކަތް ކުރިޔަސް އެއީ ހަމަ ފެންކަޅިވާ ވަގުތު ކޮޅެއް." ޑޮކްޓަރަކު ބުންޏެވެ.
އޭނާ ބުނިގޮތުން މިވަގުތު އެންމެ ބޭނުންވަނީ އެހީތެރިކަމެވެ. އެހީވެވެން އޮތް މީހަކު މެޑިކަލް ފެސިލިޓީގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ވަރަށް އެދޭ ކަމެއް ކަމުގައި ގިނަ ޑޮކްޓަރުން ދަނީ ބުނަމުންނެވެ. ޑރ މުހައްމަދު އަލީވެސް ވިދާޅުވެފައި ވަނީ މިއީ އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމު އަޅުވަންވީ ވަގުތު ނޫން ކަމަށާއި އެހީތެރިވެ ދޭންވީ ވަގުތު ކަމަށެވެ.
އާންމު ރައްޔިތުންގެ ޝަކުވާ ހުރި ސަރުކާރާ މެދު އެވެ. ޕެންޑެމިކަށް އަހަރެއް ވެގެން ދިޔައިރު އެކަށީގެންވާ ވަސީލަތްތައް ގާއިމް ނުކުރެވުމެވެ. އެނދުތައް ފުރިގެން މީހުންނަށް ފާރުވާ ދެވޭނެ ގޮތެއް ނެތުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް މީހުން ދަނީ ބުނަމުންނެވެ. ގަންނަން އުޅުނު ވެންޓިލޭޓަރުތަކުން ވައްކަން ކޮށް ވެންޓިލޭޓަރުތައް ނުލިބުމެވެ. ހަލުވި މިނުގައި ކޮވިޑް ފެތުރެން ފެށުމުންވެސް ލޯކަލް ކައުންސިލް އިންތިހާބަށް ހުރިހާ ކަމެއް ދޫކޮށްލައި އެއްވާނެ ބަޔަކު އެއްވާން ދޫ ދިނުމެވެ. އެކަމުގެ ހިތި މިއަދު ފެންނަނީ ރައްޔިތުންނަށެވެ.
ސަރުކާރާއި މެދު ރައްޔިތުން ޝަކުވާ ކުރާނެ އެވެ. ރައްޔިތުން ހޮވާފައި ތިބޭ ވެރިން ޒިންމާދާރު ނުވުމުން އެވާހަކަ ދައްކާނެ އެވެ. އެވާހަކަ ނުދައްކާށެކޭވެސް ބުނެވޭކަށް ނެތެވެ. އެކަމަކުވެސް އެހީވެދޭން ނުކުންނާށެވެ. ހައިރިސްކު މީހެއް ނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި ގޭގައި މަޑުކޮށްލާށެވެ. ގިނަގިނައިން އަތް ދޮންނާށެވެ. ރަނގަޅަށް މާސްކް އަޅާށެވެ.