ކޮނޑޭގެ ވޯޓުފޮށިތައް އަލުން ގުނުމުންވެސް ނަތީޖާ އަށް ބަދަލެއް ނާދޭ

ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ވޯޓުލުމަށް ފަހު ވޯޓުގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. ކޮނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން ގުނުމަށް ހައިކޯޓުން ކުރި ހުކުމާއެއްގޮތަށް ގުނުމުންވެސް ވޯޓުގެ ނަތީޖާ އަށް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ހައި ކޯޓުގެ ހުކުމާ ގުޅިގެން ކޮނޑޭ އިން ވޯޓުލީ ތިން ފޮށިވެސް އަލުން ގުނާފައިވާ ކަމަށެވެ.

"ގއ. ކޮނޑޭ ވޯޓުލީ ތިން ފޮށި ގުނައިގެން، އީސީ އިން އިއުލާނުކުރި ނަތީޖާ އަށް އެއްވެސް ބަދަލެއް ނާދޭ،" ޝަރީފް ވިދާޅުވި އެވެ.

ގއ. ކޮނޑޭ ކައުންސިލްގެ ވޯޓުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ކައުންސިލް ރައީސް ކަމަށް ވާދަކުރެއްވި ޝުއައިބު މުހައްމަދު ދީދީ އެވެ.

ކައުންސިލުގެ ރައީސް ކަމަށް ޝުއައިބު މުހައްމަދު ދީދީ ވާދަކޮށްފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލްހަކީމަށް ލިބިވަޑައިގެންނެވީ 130 ވޯޓެވެ. ޝުއައިބުއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.

ޝުއައިބު މުހައްމަދު ދީދީގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުހުށަހަޅާފައި ވަނީ ކޮނޑޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވެރިޔާ އަމަލުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކަމަށް ބުނެ ކައުންސިލް ރައީސް އިންތިހާބުގެ ނަތީޖާ ބާތިލުކޮށްދެއްވުނަށް އެދި އެވެ. ނުވަތަ ރައީސް އިންތިހާބު ކުރަން ބެހެއްޓުނު ތިން ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް ހުކުމް ކޮށްދިނުމަށް އެދި އެވެ.

ނަމަވެސް ނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން ގުނާ ނަތީޖާ ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމާ ގުޅޭ މައްސަލަ ހައިކޯޓުގައި އޮތުމުން އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމުގެ ހުވާކުރުން އޮތީ ފަސްކޮށްފަ އެވެ.

comment ކޮމެންޓް