ތަހުގީގު ކުރިއަށް ދަނީ ހަމަލާއަށް ފަންޑު ކުރި މީހުން ވެސް ހޯދޭނެ ގޮތަށް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މި މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ، އެކަމަށް ބަޔަކު ފަންޑު ކުރި ނަމަ އެކަން ވެސް ހޯދޭނެ ގޮތަށް ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާއިރު، އެ ތަހުގީގު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއް ވަނީ އައްޔަންކޮށްފަ އެވެ. އަދި ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.

އެހެން ނަމަވެސް، އެ ހަމަލާއަށް ފަންޑު ކުރި މީހުން އަދިވެސް ނުހޯދޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދުގެ "ފޭކް" ޓުވިޓާ އެކައުންޓުންވެސް ވަނީ އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެކަމަށް ފަންޑުކުރި މީހުން ހޯދަން ނޫޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގު ކުރިއަށް ދަނީ، ހަމަލާ ރާވާ، އިމްޕްލިމެންޓް ކުރި މީހުންނާއި، އަދި އެކަމަށް ބަޔަކު ފަންޑުކޮށްފައި ވާނަމަ އެކަން ވެސް ހޯދޭނެ ގޮތަށް ރާވައިގެން، އެކަމަށް އަމާޒު ހިފައިގެން ކަމަށެވެ. އަދި އެމަގުން ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަހުގީގުގެ މަސައްކަތް، ލައިން އޮފް އިންކުއަރީތައް ބިނާކުރެވިފައި ވަނީ މުޅި މި ހަމަލާ ރޭވި، އިމްޕްލިމެންޓް ކުރުމުގެ ފަހަތުގައި ހުރި ހުރިހާ ކަމެއް ބަލައި ހޯދުމުގެ ތެރެއިން. އެގޮތަށް އަމަޒު ކުރެވިގެން ދަނީ އެ ދިމާއަށް ކުރިއެރުންތައް ލިބެމުން އެބަ ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ތަހުގީގު ކުރިއަށް ދާތީ، އެކަމުގެ ތަފްސީލަށް ވަޑައިގެންފައެއް ނުވެ އެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

comment ކޮމެންޓް