މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފި

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުގަދައިރު ދަތުރު ކުރަނީ --

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހަށްވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ، ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ކޮޅިގަނޑުގައި 50 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީ ހާއްސަކޮށް ފަޅުން ބޭރުގައި އަޅާފައިވާ އުނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން އެކަންތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެދޭ ކަމަށެވެ.

އެންމެ ފަހުން ކުރި ގަދަ ވިއްސާރައިގައިވެސް ފަޅުން ބޭރުގައި އަޅާފައި ހުރި ގިނަ އަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީވެ އެކަންތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސް ކުރެ އެވެ.

މީގެ އިތުުރުން ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސައި، އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެ އެވެ.

comment ކޮމެންޓް