ފަލަސްތީނާ ދެކޮޅަށް ވާހަކަ ދެއްކި ޅައިމަގު ސްކޫލު ޓީޗަރަކު ސަސްޕެންޑްކޮށްފި

ށ. ޅައިމަގު. (ފޮޓޯ/ތިލަދުން)

ށ. ޅައިމަގު ސްކޫލުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު ފަލަސްތީނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި މައްސަލައެއްގައި ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

ޅައިމަގު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒް 'ސަން' އަށް ވިދާޅުވި ގޮތުގައި އެ ޓީޗަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓާ ގުޅިގެން މިހާރު ސަސްޕެންޑްކޮށްފައިވާ އިރު އޭނާގެ މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން ދަނީ ބަލަމުންނެވެ.

"އަޅުގަނޑުމެން ވާނީ އެކަން ހިނގައިދިޔަ ގޮތް މިނިސްޓްރީއާ ހިއްސާކޮށްފައި އެއްކޮށް. ދެން މިނިސްޓްރީ އިން އެކަމުގައި އެންމެ ފަހު ފިޔަވަޅެއް އަޅާނީ. މިވަގުތު ހުރީ ސަސްޕެންޝަނުގައި،" ފަޔާޒް ވިދާޅުވި އެވެ.

ފަޔާޒް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ފަލަސްޓީނާ ދެކޮޅަށް އެ ޓީޗަރު ވާހަކަ ދެއްކި މައްސަލަ ސްކޫލަށް ހުށަހެޅުނީ މިއަދު އެވެ.

"އެގޮތަށް [ފަލަސްތީނާ ދެކޮޅަށް] ޕޯސްޓުކުރީ މިމަހުގެ 16 ވަނަ ދުވަހު،" ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓީޗަރަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެން ޓީޗަރެކެވެ. ރާއްޖޭގެ އެހެން ބައެއް މީޑިއާތަކުން ވަނީ އެއީ ޅައިމަގު ސްކޫލުގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރެއްކަމަށް ރިޕޯޓުކޮށްފަ އެވެ.

އެ މައްސަލަ ފެންމަތިމިވީ މިއަދު ހދ. ހަނިމާދޫ ސްކޫލުގައި މަސައްކަތްކުރާ އިންޑިޔާއަށް ނިސްބަތްވާ ލީޑިންގް ޓީޗަރެއް އިޒްރޭލަށް ސަޕޯޓުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައްސަލައެއް ހުށަހެޅި، އެ މައްސަލާގައި ހަނިމާދޫ ސްކޫލުން އެ ޓީޗަރު އަނބުރާ ގައުމަށް ފޮނުވާލުމަށް މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.

comment ކޮމެންޓް