ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި

ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވިޓާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު، ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓްސް މޮނިސްޓަރު ރިޔާދު މާލިކީ އާ ބައްދަލު ކުރައްވައިފި އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދ. ގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި ދެ ބޭފުޅުން ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަހުވަންތަ ގުޅުމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން މިނިސްޓަރު ޝާހިދު ވަނީ ތަކުރާރު ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދ.ގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އެގޮތުން އުރުދުންގެ ހާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ހާރިޖީ ވަޒީރު ސަބްރީ ބުގަދޫމް، ކުވައިތުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުހައްމަދު އަލް ސަބާހު، ސައުދީ އަރަބިއާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހުމޫދު ގުރޭޝީއާއި މިނިސްޓަރ ޝާހިދު ރޭ ބައްދަލުކުރެއްވިއެވެ.

comment ކޮމެންޓް