ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު އަހުމަދު އީސާ، އެ ކޮމެޓީ އިން ވަކި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ އީސަގެ ގެވެށި އަނިޔާގެެ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެ ކޮމެޓީގެ މުގައްރިރު ކަމުން އީސަ ވަކިކުުރމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރިރާގެ މެންބަރުކަން ކުރައްވާ އީސަގެ ގެވެށި އަނިޔާގެ މައްސަލަ އެއް ފެންމަތިވުމާއެކު އީސަ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ގޮވަލާ އަޑުވެސް ވަނީ ގަދަވެފަ އެވެ.
އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަސްރާ އަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ.
މީގެ ދެ ރޭ ކުރިން އަސްރާ ދިރިއުޅުއްވާ އީސަގެ ގޭގައި ހިނގި ދެބަސްވުމެއްގައި އީސަ، އަސްރާ ގައިގައި ޖެހިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަސްރާ ރޮމުން ނުކުތް މަންޒަރުވެސް ބަޔަކަށް ފެނިފައިވެ އެވެ. އަދި އަސްރާއަށް އަނިޔާވެފައިވާ ކަމަށް އަވަށްޓެރިޔަކާ ހަވާލާދީ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެ އިތުރުން އީސަ އާއި އަސްރާގެ ދަރިކަލުންނަށްވެސް އީސަގެ ފަރާތުން އަނިޔާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން އީސަ އާއި އަސްރާ ދިރިއުޅުއްވާ އެޕާޓްމަންޓުގެ ބެލްކަނިން ދަރިފުޅު ވައްޓާލާނެ ކަމަށް ބިރު ދެއްކި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
އީސަ ޖެހިކަމަށް އަސްރާ ވިދާޅުވި ނަމަވެސް، އީސަގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތުހުމަތުވާ މީހެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ އާއި ގުޅިގެން އަސްރާ އިއްޔެ ފުލުހުންނަށް ބަޔާން ވެސް ވަނީ ދީފަ އެވެ.
އެ މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ އީސަގެ އަމަލުތަކަކީ މަޖިލީހުގެ އެހެން މެންބަރުންނަށްވެސް ލަދުވެތި ކަމެއް ކަމަށާއި، އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ފުލުހުންނަށް ގޮވާލާ ކަމަށެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމަށާއި އެ ކޮމެޓީގެ މުގައްރިރު ކަމުގައި އިނުމަށް އީސަގެ ކުފޫ ހަމަނުވާކަމަށް ބުނެ އޭނާ އެ ކޮމެޓީ އިން ވަކިކުރުމަށް އާންމުންވެސް ދަނީ ގޮވާލަމުންނެވެ.