ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ރައީސްގެ މަންދޫބެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގާ ތަހުގީގު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެލެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލއާ ގުޅޭ ތަހުގީގުގެ ކަންކަމުގައި ޕްރޮސެކިއުޓަ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

"އަދި މި މައްސަލައިގައި އިންސާފު ގާއިމްކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއްވެސް އޭނާ ތައްޔާރު ކުރައްވާނެ." ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

އޭނާ މަސައްކަތް ކުރައްވާނީ ރައީސް އޮފީހުގައި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މިހާރުން ފެށިގެން ހަމަލާޔާގުޅޭ ހުރިހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުންނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލު ވަންދެން އައްބާސް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ.

އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ އިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، އަދި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އެވެ.

comment ކޮމެންޓް