ރަޝިއާއާ ދެކޮޅެއް ނޫން، ބޭނުމީ ޔުކްރެއިން މައްސަލަ ސުލްހަވާން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ރަޝިއާއާ ދެކޮޅެއް ނޫން ކަމަށާއި ބޭނުމީ ޔުކްރެއިން މައްސަލަ ސުލްހަވާން ކަމަށް --- ފޮޓޯ/ މަޖިލިސް

އެއްވެސް ގޮތަކުން ރަޝިޔާއާ ދެކޮޅެއް ނޫން ކަމަށާއި ބޭނުންވަނީ ސުލްހަ ގާއިމުކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ރަޝިޔާއާއި ޔުކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި ނެގި ވޯޓެއްގައި ޔުކްރެއިނަށް ތާއީދުކޮށް ރާއްޖޭން ވޯޓު ދިނުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެކަމާ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ހިތްހަމަޖެހިވަޑައިނުގެންނެވުމުންނެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެއިން ޔުކްރެއިނާއެކު ވޯޓު ދިނީތީ ރާއްޖެއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ރަޝިއާއާއި، އުތުރު ކޮރެއާއާ އަދި އެމެރިކާ ގުޅިފައިވާތަން ފެނުމަކީ ޝައުގުވެރިކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ޔޫރަޕްގެ ޤައުމުތަކާ އެކު ވޯޓުލުމުގެ ހިތްވަރާއި ދުރުވިސްނުން ރާއްޖެއަށް ލިބުމަކީ އެ މަނިކުފާނު އުފާކުރައްވާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ސަފީރު ލިވަން އެސް ޖަގަރްޔަން ވިދާޅުވީ، ޔޫކްރޭނާ އެއްކޮޅަށް ރާއްޖޭން ވޯޓު ދިނުމަކީ ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ރާއްޖޭގެ ރަށްތަކުގައި ޗުއްޓީ ހޭދަކުރުމަށް ގިނައިން ދަނީ ރަޝިއާގެ ފަތުރުވެރިން ކަމަށާއި ޔުކްރެއިން ފަތުރުވެރިން ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެންވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި "ޔޫކްރެއިންގައި ފުރިހަމަ، އިންސާފުވެރި، އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް" ތާއީދުކުރައްވައި ވޯޓު ދެއްވުމުން، ދިވެހި ސަރުކާރަށް އެ މަނިކުފާނު ވަރަށް ބޮޑަށް ތައުރީފުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ޔަގީންކޮށް އަރުވަން ބޭނުންވަނީ، އެއީ އެއްވެސް ގޮތަކުން ރަޝިޔާއާ ދެކޮޅަށް ނެގި ސިޔާސަތެއް ނޫންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ވެސް ހަމަޖެހުން ދެކެން ބޭނުންވޭ،" ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ހަލުވިކަމާ އެކު ބަދަލުވަމުންދާ ޖިއޯޕޮލިޓިކްސްގެ ތެރެއަށް ވަންނާކަށް ރާއްޖެއަކުން ބޭނުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުން ފެންނަ ފަދައިން، ރަޝިޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށެވެ.

ނަޝީދުގެ އެ ޕޯސްޓަށް ޖަވާބުދެއްވައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ބެހެއްޓެވި ޕޮޒިޓިވިޓީއަށް ޝުކުރު ދަންނަވާފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮންމެ ގައުމެއްގެ ވެސް ސައިޒަށް ބެލުމެއް ނެތި ރަޝިއާއިން އިހުތިރާމް ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޔުކްރެއިން، ޣައްޒާ، ސީރިއާ ފަދަ ހުރިހާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް އެ ގައުމުން ވެސް ތާއީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް 400،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 40،000 އަށްވުރެ ގިނަ ފަތުރުވެރިން މި އަހަރު ވެސް ޒިޔާރަތްކޮށްފިއެވެ.

comment ކޮމެންޓް