ތިނަދޫގައި ކޮވިޑް މައިތިރިއެއް ނުވޭ، އިއްޔެވެސް 12 ކޭސް

ގދ. ތިނަދޫ. (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 12 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރަށުގައި މިވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 87 އަށް އަރާފައިވާކަމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ތިނަދުއިން މިފަހުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ކޭސްއާ ގުޅިގެން އެ ރަށް މޮނިޓަރިންގް އަށް ލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ ހާމަކުރި ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ތިނަދުއިން ޖުމްލަ 12 ކޭސް ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ކޭސްތަކާއިއެކު ރަށުގެ އެކްޓިވް ކޭސްތައް 87 އަށް އަރާފައިވާއިރު އެރަށުން ޖުމްލަ ފެނުނު ކޭސްގެ އަދަދު ހުރީ 128 ގަ އެވެ.

އެރަށުން މިހާތަނަށް 41 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ. ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ތިނަދުއިން 444 މީހަކު ދަނެގަނެވިފައިވާއިރު ޖުމްލަ 1،816 ސާމްޕަލްއެއް ބައްޔަށް ޓެސްޓުކުރުމަށް އެރަށުން ވަނީ ނަގައިފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 88 ސާމްޕަލްއެއް ބައްޔަށް ޓެސްޓުކުރަން ނަގާފައިވާއިރު އަދި 290 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭކަމަށް ހޮސްޕިޓަލުން ބުންޏެވެ. ބައްޔަށް ޕޮޒިޓިވްވި އެއްވެސް ފަރާތެއް އެޑްމިޓްކުރަން ޖެހިފައެއް ނުވެ އެވެ.

ތިނަދޫގައި ކޮވިޑް-19 އަށް ވެކްސިން ދެމުންދާއިރު މިހާތަނަށް ޖުމްލަ 1،895 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. ފުރަތަމަ ޑޯޒް އެކަނި ޖަހާފައިވާ މީހުންގެ އަދަދަކީ 2،968 އެވެ.

ކޮވިޑް-19 އާއި ގުޅިގެން ތިނަދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މޮނިޓަރިންގްއަށް ގެނައުމާއިއެކު އެޅިއިރު އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެ ފިޔަވަޅުތައް އެރަށުގައި އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް އެ ރަށުގައި ކާފިއު އިއުލާންކޮށްފައިވާއިރު އާންމު އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކުން ޑެލިވަރީއާއި ޓޭކްއަވޭ ހިދުމަތް އެކަނި ދިނުމަށް އަންގައި ރަށުގެ އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތްކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފަ އެވެ.

ތިނަދޫގެ އިތުރުން ހުވަދު އަތޮޅުގެ އެހެން ބައެއް ރަށްތަކުންވެސް ވަނީ ކޮވިޑް-19 ކޭސްތަކެއް ފެނިފަ އެވެ. އެގޮތުން ހުވަދު އަތޮޅުގެ ޖުމްލަ ހަ ރަށެއް މިވަގުތު އޮތީ މޮނިޓަރިންގް ހާލަތުގަ އެވެ. އެ ރަށްތަކަކީ ތިނަދޫގެ އިތުރުން ގއ. ވިލިނގިލި، ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ދާންދޫ، އަދި ގދ. ވާދޫ އެވެ. ހުވަދު އަތޮޅުގައި މިވަގުތު އެކްޓިވް 177 ކޭސް އެބަ ހުއްޓެވެ. އެއީ ގދ. އަތޮޅުން 97 ކޭސް އަދި ގއ. އަތޮޅުން 80 ކޭސް އެވެ.

comment ކޮމެންޓް