މީހުންގެ ލޭ ހުއްދަކުރަން ގޮވާ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލައިފި

ލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ, ހަރުކަށި ފިކުރު ފަތުރާ، އަދި ލޭއޮހޮރުވުމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ، ފަހަކަށް އައިސް މީސްމީޑިއާގައާއި ތަފާތު އެކިއެކި އޮންލައިން ޕްލެޓްފޯމް ތަކުގައި ވަކިވަކި ފަރުދުންނާއި މެދު ހަރުކަށި ފިކުރުގެ ތެރެއިން ނަފުރަތު އުފައްދާ އެމީހުންގެ ލޭ ހުއްދަކަމަށް ގޮވާ އެއީ އިސްލާމުން ނޫން ކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމުވެފައިވާ ކަމަށެވެ.

އެގޮތުން ދާދި ފަހުންވެސް އެއީ ކާކުކަން އެނގޭ ފަރާތަކުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދަށް ނިސްބަތްކޮށް، މެމްބަރު ވަހީދަކީ މަރަން ޖެހޭ މީހެއް ކަމަށް ބުނެ ވަރަށް ފާޅުގައި ފޭސްބުކް ސްޓޭޓަސްއެއް ލިޔެފައިވާކަން މީކާއިލް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އިއްޔެ ބޭއްވި ބަހުސް ޓީވީ ޗެނަލަކުން ލައިވް ކުރަމުން ދަނިކޮށް، އެ ލައިވް ސްޓްރީމުގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ މީހަކު ކޮމެންޓް ކުރިކަންވެސް މީކާއިލްގެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ ހަރުކަށި ފިކުރު ފަތުރާ، ލޭއޮހޮރުވުމަށް ގޮވާލުން މިހާ އާންމުވެފައި ވާތީ، މިފަދަ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

މިފަދަ މައްސަލައެއް ހުށަހަޅުއްވާފައިވާއިރު، ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލެއް އެކުލަވާލާ އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

އަދި ސޯޝަލްމީޑިއާ އާއި އޮންލައިން ޕްލެޓްފޯމްތަކުގައި، ޓެރަރިޒަމާއި އަނިޔާވެރިކަމަށް ތާއީދުކޮށް އެފަދަ ކަންކަމަށް ގޮވާލާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

comment ކޮމެންޓް