އުއްމީދަކީ ކައުންސިލުތަކަށް މަސްއޫލިއްޔަތު އަދާކުރަން ސަރުކާރުން އެއްބާރުލުން ދިނުން: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

އިއްޔެ ހުވާކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވި ކައުންސިލަރުންގެ މަސައްކަތްތައް އެންމެ ފުރިހަމަ އަށްއަދާކުރުމަށް ސަރުކާރުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރައްވާ އާމިރު ވިދާޅުވީ އާ ދައުރަކަށް ކައުންސިލުތައް އިންތިހާބުކޮށް ކައުންސިލަރުން މަގާމާ ހަވާލުވި އިރު، ކައުންސިލުތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަކީ ކައުންސިލުތަކުގެ މަސައްކަތަކަށް ލިބުނު ހަރުދަނާ ބަދަލެއް ކަމަށެވެ. މީގެ ކުރިންވެސް އެ ބަދަލު ގެންނަން މަސައްކަތް ކުރި ނަމަވެސް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލިސް ތެރެއިން އެއްބާރުލުން ނުލިބި އޮތީ ކަމަށް އާމިރު ވިދާޅުވި އެވެ.

"ކުރިއަށް އޮތަތަނުގައި އަޅުގަނޑުމެން ދެކެން ބޭނުންވަނީ ހަރުދަނާ ލާމަރުކަޒީ އުސޫލެއް ގާއިމު ކުރެވިގެން އެކަމުން ހެޔޮ މަންފާ އަޅުގަނޑުމެންގެ އަތޮޅުތަކާ ރަށްތަކަށް ލިބޭނެ ފުރުސަތުތައް ފަހިވެެގެން ދާތަން،" އާމިރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ލިބިދޭ ބާރުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރެވޭނެ ނިޒާމެއް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމުގެ ކަންތައްވެސް ކުރިއަށް ގެންދަން ވާނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ތަފާތުވީ މީހެކޭ ކިޔާފައި އަވަހަށް ފަސޭހައިން ފިޔަވަޅު އަޅާފައި އެ ނޫން މީހުންނާ މެދު އަޅާނުލާ ދޫކޮށްލާ އޮތުމަކީ ހަރުދަނާ ނިޒާމެކޭ ނުކިޔާނެ،" އެލްޖީއޭ އިން ކައުންސިލުތަކަށް ފިޔަވަޅު އަޅަންވާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށް އާމިރު ވިދާޅުވިއެވެ.

"ކައުންސިލުތަކުންވެސް ގަބޫލު ކުރަން ޖެހޭނެ މުޅި ދައުލަތުގެ ހުރިހާ ބާރެއް ލިިބިފައިވާ ބަޔެއް ނޫންކަން [ކައުންސިލްތަކަކީ]. ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކުން ލިބެންޖެހޭ ހުއްދަ ލިބިގެން ނޫނީ ނުކުރެވެނެ ބައެއް ކަހަލަ ކަންކަން ހުންނާނެ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ކައުންސިލުތަކަށް ބާރު ދިނުމުން ނިމުނީ ނޫން ކަމަށާއި އެ ބާރުތައް ބޭނުން ކުރަނީ ކިހިނެއްތޯ ބަލައި، ޕާފޯމަންސް އޮޑިޓް ހަދަިއި އެލްޖީއޭ އިން ކައުންސިލުތައް ޒިންމާދާރު ކުރުވަން ވެސް ޖެހޭނެ ކަމަށެވެ.

https://sun.mv/152362

އާމިރު މިހެން ވިދާޅުވި އިރު, އާ ކައުންސިލުތައް ހުވާކުރުމުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމު މިހާރު ފެށިއްޖެ ކަމަށެވެ. އަދި ކައުންސިލުތަކަށް މަތިވާ ޒިންމާ ބޮޑު ކަމަށްވެސް ރައީސް ވިދަޅުވިއެވެ.

"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާ ބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު," ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް