ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވަނީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައެވެ.

ސިޔާމް ވަނީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށާއި، އަންހެން ކުދިންނަށް، އަދި ވަކިން ޚާއްޞަކޮށް އެމްޑީއޭގެ އެންމެހައި އަންހެން މެންބަރުންނަށް ފޮނުއްވައިފައެވެ.

އަންހެނުންގެ ދުވަހު، ޤައުމަށް ކަނބަލުން ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭ ޚިދުމަތްތައް ފާހަގަކުރުމުގައި ހުރިހާ ރައްޔިތުން ޝާމިލުވުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި، ޤައުމެއްގެ ހައިސިއްޔަތުން ކާމިޔާބީތައް ހާސިލުކުރެވިފައިވާއިރު، އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

މިގޮތުން، ޖިންސީ ތަފާތު ކުރުންތައް ނައްތާލުމާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މިހާރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވަނީ ސިޔާސީ ދާއިރާއަށް އަންހެނުންގެ ބޭނުންތެރިކަން ފާހަގަކުރައްވާފައި ---

"ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ، މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނޭ މުހިންމު ފިޔަވަޅެކެވެ،" ސިޔާމް މިއަދު ފޮނުއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ދާއިރާއަކީ އަންހެނުންނަށް ވަންނަން އެންމެ އުނދަގޫ އެއް ދާއިރާ ކަމަށެވެ.

"ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ޤާނޫނު ހެދުމުގެ ނިޒާމާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނޭ ގޮތް ހެދުމަކީ ނުހަނު މުހިންމު ކަމެކެވެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޚިތާބު ނިންމަވައިލައްވަމުން ސިޔާމް ވަނީ އަންހެނުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

އަދި، ރާއްޖޭގެ މާޙައުލަކީ އެންމެހާ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، އަންނަން އޮތް ޖީލުތަކަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާހައުލަކަށްވުމަށާއި ހުރިހާ އަންހެނުންނާއި ފިރިހެނުންގެ ފުރިހަމަ ބައިވެރިވުމާއި ޙިއްޞާ ލިބިގެން، ދިވެހި މުޖުތަމަޢު ކުރިއަށް ދިޔުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައިފައެވެ.

comment ކޮމެންޓް