މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅު، ސިޓީ އަދި ރަށްތައް ހިންގަން ފެށި ދުވަސް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ރައީސް އޮފީސް

މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅު، ސިޓީ އަދި ރަށްތައް ހިންގަން ފެށުނު ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަލަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިގުރާރުވުމުގެ މުނާސަބަތުގައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ ބޮޑަށް ޝާމިލްވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ.

"މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް. ސަބަބަކީ މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް ހިންގަން ފެށުނު ދުވަސްކަމަށް ވާތީ. އަދި މިއަދަކީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ގާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސްކަމަށް ވާތީ." ރައީސް ވިދާޅުވި އެވެ.

އެ ހުރިހާ ކަމަކުންވެސް ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށާއި އެހެންކަމުން މިއަދު ހިންގަން ފަށާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްގީ ކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ ކުރިން އިންތިހާބުކުރި ކައުންސިލްތަކާއި، މިފަހަރު އިންތިހާބުކުރި ކައުންސިލްތަކުގައި ހުރި އެންމެ ބޮޑު އެއް ތަފާތެއް ކަމަށް ރައީސް ވިދާޅުވީ، ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ އަންހެން ކަމަށްވުމެވެ.

އެހެންކަމުން ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ރަށު ތަރައްގީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން ގައުމީ ތަރައްގީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާއެކު ފިރިހެނުންނާ އެއް ހަމައެއްގައި އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ. އޭގެ ސަބަބުން އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދެއްވައިގެން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ތަރައްގީގެ ޕްލޭންތައް ތައްޔާރުކުރައްވައި، އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީ ކުރެއްވުމަށް ހުރިހާ ކައުންސިލަރުންވެސް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރު ދީ، ރަށްރަށުގެ އިހްތިސާސްތައް މިހާރު ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާ ބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު." ރައީސް ސޯލިހު ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިބަލި ކޮންޓްރޯލް ކުރުމުގައިވެސް ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިބަލި ފެތުރެމުން ދިޔުމުގެ ސަބަބުން މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރަށެއް ފުރަބަންދުކޮށްލުމުން، އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އުނދަގުލާއި ދަތިތައް. އެހެން ނަމަވެސް، މިއުނދަގޫ ދަތި ހާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެން. މިއީ، މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި މުހިންމު ބަދަލުތަކާއެކު ރަށްރަށަށް ހަލުވި ތަރައްގީއެއް އައުމާއި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއް ނެތި ގައުމީ ތަރައްގީގެ ކަންކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް