ގައުމީ ޓީމުން ހޮޓެލް ޖެންގައި ހާއްސަ ފަރިތަކުރުންތަކެއް

ގައުމީ ޓީމުގެ ކުޅުންތެރިން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ//މާޓިން ކޫޕްމަން އިންސްޓަގުރާމް

ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ޗައިނާއަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބި ގައުމީ ޓީމުގެ ކުޅުންތެރިން އެ ހޮޓެލްގައި ވެސް ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަހުގެ ކުރީކޮޅު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް އެޗްޕީއޭ އިން ނެރުނު ގައިޑްލައިންތަކާ އެކު ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވި އެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އަންގައިފަ އެވެ.

ގައުމީ ޓީމުގެ މި ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ ހޮޓެލް ޖެން ގަ އެވެ. މި ކުޅުންތެރިންނާއި އޮފިޝަލުން މިދިޔަ ހަފުތާ އެ ހޮޓެލްގައި ކޭމްޕްކުރި އިރު ހުރިހާ ކުޅުންތެރިން ވަނީ ޕީސީއާރު ޓެސްޓް ހަދައިފަ އެވެ. އަދި އެހެންމެ އިތުރު ޕީސީއާރު ޓެސްޓްތަކެއް ބޭރަށް ފުރުމުގެ ކުރިން ހަދާނެ އެވެ.

ކޭމްޕް ކޮށްގެން ތިބި ކުޅުންތެރިންނަށް ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވެން ނެތް އިރު، ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން އޭނާގެ އިންސްޓަގްރާމްގައި ވަނީ ޖެންގައި ގައުމީ ޓީމުން ކުރިއަށްގެންދާ ފިޒިކަލް ޓްރެއިނިންތަކެއްގެ ފޮޓޯތަކަކާ އެކު ގައުމީ ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ކޫޕްމަން ބުނީ ހިތްގައިމު ހޮޓަލެއްގައި ކޭމްޕް ކޮށްގެން ތިބި ނަމަވެސް ފިޓްކޮށް ތިބެން ކުރެވެން ހުރި ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑާ ހެދި ރާއްޖޭގެ ހާލަތު ވަރަށް ގޯސްކޮށް އޮތް ނަމަވެސް މިހާރު އޮތްގޮތުން މެޗުތައް ކުޅެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކޫޕްމަން ބުންޏެވެ.

ކޮވިޑް-19ގެ އަސަރު ގައުމީ ޓީމަށްވެސް ކޮށްފައިވާއިރު، މީގެ ކުރިން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައިވެ އެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

comment ކޮމެންޓް